English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ޒުވާނުންތަކެއް އިސްނަގައިގެން ފުވައްމުލަކުގައި 7 ދުވަހުގެ ހޭންޑްބޯލް ޓްރެއިނިންގް ކޭމްޕެއް މިއަދު އެ ސިޓީގައި ފައްޓައިފިއެވެ.

ފަސްޓް ޑިވިޝަންގައި ހޭންޑްބޯޅަ ކުޅެފައިވާ ފުވައްމުލަކުގެ ދެ ޒުވާނުން އިސްނަގައިގެން ފެށި މި ޓްރެއިނިންގް ކޭމްޕުގެ ބައިވެރިންގެ ތެރޭގައި ހިމެނެނީ 12 ފިރިހެން ބައިވެރިން، 40 އަންހެން ބައިވެރިން އަދި 15 ކުޑަކުދިންނެވެ. ކޭމްޕުގައި އަންހެން، ފިރިހެން ވަކިން ޓްރެއިން ކޮށްދެމުން އަންނަ އިރު ބައިވެރިވެފައިވާ ކުޑަކުދިންނަށް ކޯސް ހިންގަނީ އެކުދިންގެ އުމުރުފުރާއާއި ގުޅޭ ގޮތަށް ވަރަށް ރައްޓެހި މާހައުލެއްގައެވެ.

ފުވައްމުލަކު ފުނާޑު ދަނޑުގައި ކުރިއަށްގެންދާ މި ކޭމްޕު ރާވާ ހިންގުމުގައި އުޅޭ އަދި ޓްރެއިނަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުން އަންނަ އަބްދުﷲ އަޒީމް، ޓިންޓިން ބުނެފައިވަނީ ކޭމްޕުގެ މައިގަނޑު މަގުސަދަކީ ފުވައްމުލަކުގައި ހޭންޑްބޯޅަ ތަޢާރަފުކޮށް އެ ކުޅިވަރު ކުޅޭ ގިނަ ކުޅުންތެރިންތަކެއް އުފެއްދުން ކަމަށެވެ. އެގޮތުން މި ކޭމްޕުގައި ކުދިންނަށް ހޭންޑްބޯޅަ ކުޅުމުގެ ބޭސިކް ހުނަރުތަކާއި ގަވައިދުތައް ދަސްކޮށްދެވޭނެ ކަމަށްވެސް ޓިންޓިން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މި ޓްރެއިނިންގް ކޭމްޕު މިއީ ހޭންޑް ބޯޅަ ކުޅޭ ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދުމުގެ ފުރަތަމަ މަރުހަލާކަމަށްވެސް ޓިންޓިން ވަނީ ފާހަގަކޮށްފައެވެ.

ދާދި ފަހުން ފުވައްމުލަކުގައި ކަނބަލުންގެ ހޭންޑްބޯލް ޗެލެންޖް 2020ގެ ނަމުގައި ހޭންޑް ބޯޅަ މުބާރާތެއް ބޭއްވިގެން ގޮސްފައިވާއިރު މުބާރާތުގައިވަނީ ޖުމުލަ 7 ޓީމަކުން ބައިވެރިވެފައެވެ. މި މުބާރާތުގައި ފުވައްމުލަކުގެ ޒުވާނުންގެ މޮޅު އަދި ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި ޓްރެއިނިންގް ކޭމްޕުގައި ޓްރެއިނަރުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަނީވެސް އެ މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ކޯޗުން ކަން ފާހަގަކޮށްލެވެއެވެ.