އައްޑޫސިޓީގައި ފުޅާ ދާއިރާއެއްގައި ޕްރިންޓިންގެ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޮންޓްރޯލް ޕީ އިން އިތުރު އައުޓްލެޓެއް ހިތަދޫގައި ހުޅުވައިފިއެވެ.
ކޮންޓްރޯލް ޕީ ގެ އާ އައުޓްލެޓް ހުންނަނީ ހިތަދޫ ސްކޫލް ހުންނަ މަގުގައި މަސްޖިދުލް އިކްރާމް(ފަޒާމިސްކިތް) ހުރި ސަރަޙައްދުގައެވެ.
އާ އައުޓްލެޓް ހުޅުވުމަށް އިއްޔެ ހަވީރު ޚާއްސަ ޙަފްލާއެއް ބާއްވާފައިވާއިރު އެޙަފްލާގައި ކޮންޓްރޯލް ޕީގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އައްޑޫސިޓީގެ ބައެއް ޢާއްމުން ބައިވެރިވެފައިވެއެވެ.
މި ޙަފްލާގައި އާ ޢިމާރާތް ހުޅުއްވައިދެއްވީ އައްޑޫސިޓީ ހިތަދޫ ގެ ބޮޑު ކަތީބެއްގެ ގޮތުގައި ހުންނަވައިގެން ދިގު މުއްދަތެއްވަންދެން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައި އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ކަންވެސް ކުރައްވާފައިވާ ޙަސަންލަތީފެވެ.
އައުޓްލެޓް ހުޅުއްވައިދެއްވުމަށްފަހު ޙަސަންލަތީފް ވިދާޅުވީ މިއީ އަވަށުގެ ގާތް ކުދިންކޮޅެއް 2011 ގައި ކުލީތަނެއްގައި ފެއްޓި އާދައިގެ މަސައްކަތެއް ކުރިއަރާދިޔަ މިންވަރު ހާމަވެގެން ދިޔަ ކަމެއް ކަމަށާއި އެކުދިންގެ އެކުވެރިކަމާއި މިންނެތް މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ.
ކޮންޓްރޯލް ޕީ ގެ ޚިދުމަތް ފުޅާވެ ކުރިއަރައިގޮސް ކުންފުނީގެ މިލްކިއްޔާތުގައި ހުޅުވިގެންދާ ތަނަވަސް ޢިމާރާތެއްކަން ފާހަގަ ކުރައްވަމުން މިމުނާސަބާގައި ޙަސަންލަތީފު ވަނީ ކޮންޓްރޯލްޕީގެ ހީވާގި ވެރިންނަށް މަރްޙަބާ ވިދާޅުވެފައެވެ.
މިޙަފްލާގައި ކޮންޓްރޯލް ޕީގެ ޖެނެރަލް މެނޭޖަރ ތާއިފް މަޖީދު އޭއޯނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ހިތަދޫގައި އަލަށް ހުޅުވި މި ޢިމާރާތަކީ ޖާގައިގެ ދަތިކަމާހެދި އައްޑޫސިޓީން ކުލީ ބިމެއް ހޯދަން އުޅެއުޅެ ނުލިބިގެން އެންމެ ފަހުން ގަންނަން ލިބުނު ތަނުގައި 2 ދެބުރިއަށް ޢިމާރާތްކޮށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލުހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
“ޖާގައިގެ ދަތިކަމާހެދި ބިމެއް ނުލިބިގެން އުޅޭތާ ވަރަށް ދުވަސް ވެއްޖެ. އެހެން އުޅެނިކޮށް މި ލޮކޭޝަނުން ގަންނަން ބިމެއް ލިބޭ ގޮތްވީ. އެހާހިސާބުން ބޭނުންވީ އިތުރު ވަގުތު ހޭދަ ނުކޮށް ވީހާ އަވަހަށް ތަން ހަދައިގެން ހުޅުވަން ”
ތާއިފް ވިދާޅުވީ ޢިމާރާތް މިހާރު ހުރި ލޮކޭޝަނަކީ ހިތަދޫގެ ގިނަ ބަޔަކު އަލަށް އާބާދުވަމުން ދާ އޮޑައްސަލާއި ކައިރި ހިސާބަކަށްވެފައި އަދި ހިތަދޫ ސްކޫލާއި ކައިރިވުމުން ގިނަ ބަޔަކަށް އެތަނުގެ ޚިދުމަތް ހޯދަން ފަސޭހަވެގެންދާނެ ކަމަށެވެ.
ކޮންޓްރޯލްޕީގެ ފުރަތަމަ އައުޓްލެޓް ހުންނަނީ ހިތަދޫ ބޮޑުމަގުގެ ޗެކްމާކް ކައިރީގައެވެ. ދެވަނަ އައުޓްލެޓް ހުންނަނީ ފޭދޫ ނެނޯ ލެބް ހުންނަ ސަރަޙައްދުގައެވެ.
އާޢިމާރާތުން ލިބެން ހުރި ޚިދުމަތްތަކުގެ ތެރޭގައި ކެންވާސް ޕްރިންޓިން އާއި ވިޔަފާރި ކުރާ ތަންތަނާއި އޮފީސްތަކުގެ ބޯޑާއި އެކިއެކި އިވެންޓް ތަކުގެ ބޯޑުތަކާއި ސެރެމިކް ޕެއިންޓިން ގެ އިތުރަށް ޝީލްޑާއި މެޓަލް ފަދަ ޕްރިންޓިންގެ ހުރިހާ މަސައްކަތެއް ހިމެނެއެވެ.
ޢާޢިމާރާތާއެކު ތަނުގެ ޖާގަ ރަނގަޅުވުމަކީ މިހާރުވެސް ކޮންޓްރޯލް ޕީ އިން ފޯރުކޮށްދޭ ޚިދުމަތް މެދު ނުކެނޑި ކުރިއަށް ދިއުމުގެ އިތުރަށް މިހާރަށް ވުރެ ޚިދުމަތް އަވަސްވެ އިތުރު ޚިދުމަތް ތައް ތަޢާރަފް ކުރުމަށް ހުޅުވުނު ދޮރެއްކަމުގައި ޖެނެރަލް މެނޭޖަރ ތާއިފް ވިދާޅުވިއެވެ.