English Edition
Dhivehi Edition

ދިރާގުން 2016 ވަނަ އަހަރުން ފެށިގެން ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީ. ވީ. އައި. އެސް. އެމް) އަށް ދެމުން އަންނަ ހާއްސަ ޑިޖިޓަލް މުވާސަލާތުގެ ހިދުމަތް ކަމަށްވާ “ފޯން މީޓިން 130” މިއަހަރު ވެސް ދޭން ނިންމައިފިއެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދެމުން އަންނަ މި ހިދުމަތަކީ ދިރާގުން އެ ޖަމިއްޔާ އަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ ޚިދުމަތެކެވެ. ދިރާގުން ހާމަ ކުރި ގޮތުގައި އެހެނިހެން އިޖުތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީވީއައިއެސްއެމް އަށް ދިމާވާ ކަމަށާއި މި ހިދުމަތުގެ ދަށުން ގިނަ ގުނަ ފަސޭހަ ތަކެއް އެ ޖަމިއްޔާއަށް ލިބިދެއެވެ. އެގޮތުން ދިރާގުން ހިލޭ ފޯރުކޮށްދޭ މި ހިދުމަތުގެ ސަބަބުން ޖަމިއްޔާ ހިންގުމުގެ މަސައްކަތްތައް ފަަސޭހައިން ކުރިއަށް ގެންދެވި ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ޖަމިއްޔާގެ 200 މެމްބަރުންނަށް ޖަމިއްޔާގެ ޖަލްސާތައް ބޭއްވުމަށް ފަސޭހަވެ. މެންބަރުންގެ މެދުގައި އެކުވެރިކަމާއި ރަހުމަތްތެރިކަން ބަދަހިކުރުމަށް އެހީވެދޭ ކަމަށްވެސް ދިރާގުން ވަނީ ހާމަކޮށްފައެވެ.

ތަފާތު ގިނަ ހަރަކާތްތަކެއް އަހަރުތެރޭގައި ބީވީއައިއެސްއެމްއިން ބާއްވަމުން އަންނަ އިރު މި ޙިދުމަތް މެދުވެރިކޮށް މަދަހަ މުބާރާތްތަކާއި, ޤުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގްރާމްތައް ބާއްވަމުން އަންނަ ކަމަށް ދިރާގުން މައުލޫމާތުދެއެވެ. މީގެ އިތުރުން އެ ޖަމިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭ މިފަދަ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ތައުލީމީ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށް ބީ.ވީ.އައި.އެސް.އެމް އިން މި ޙިދުމަތް ބޭނުންކުރާ ކަން ފާހަގަ ކުރަމުން ދިރާގުން ހާމަކުރި ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ބީ. ވީ. އައި. އެސް. އެމް އިން ވަނީ ހިސާބު، ލެޓިން، އަރަބި އަދި ޤުރުއާން ކްލާސްތައް ކުރިއަށް ގެންގޮސްފައެވެ.

ކޮވިޑް19ގެ ފުރަބަންދުގެ ދުވަސްވަރުގައި ބީވީއައިއެސްއެމްއިން މި ޚިދުމަތް މެދުވެރިކޮށް މެދުކެނޑުމެއްނެތި ޖަމިއްޔާގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު ކޮވިޑް-19 އާއި ގުޅިގެން ބީވީއައިއެސްއެމްވަނީ ސިއްހީ ހޭލުން ތެރިކަން އަދި އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ ހޭލުންތެރިކަން އިތުރު ކުރުމުގެ މުހިންމު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ.

އިޖުތިމާއީ ގިނަ ކަންތައްތަކެއްގައި ދިރާގުން އެހީތެރިވަމުން އަންނަ އިރު ދިރާގުން މި ޚިދުމަތް ދިނުމުގެ މައިގަޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ދިރާގުން ވަނީ ހާމަކޮށްފައެވެ. އަދި ދިރާގުން ހާމަކުރި ގޮތުގައި ދިރާގުގެ އަމާޒަކީ މުސްތަޤްބަލުގައި ވެސް މިފަދަ އިޖުތިމާއީ ކަންކަމުގައި އިތުރަށް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމެވެ.