ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އާއި ހަވާލުކޮށްގެން ފުވައްމުލައް ސިޓީގައި ހިންގަމުން އަންނަ ރިންގްރޯޑު (ނައިބު ތުއްތު ހިނގުން) ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 15 ކިލޯމީޓަރުގެ ސަރަހައްދެއް ހެދި ތަރައްގީ ކުރެވިފައިވާ ކަމަށް އެ ކުންފުނިން ހާމަ ކޮށްފިއެވެ.
27 މާޗު 2019 ގައި ސަރުކާރުން އެ ކުންފުންޏާއި ހަވާލު ކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މަޝްރޫއު ނިމޭ އިރު އެ މަގުގެ 20 ކިލޯމީޓަރު ސަރަހައްދުގައި ތާރު އަޅާ ތަރައްގީ ކުރަން ނިންމާފައިވާއިރު މިވަގުތު ކުރިއަށް ދަނީ މަގުގެ ޕޭވްމަންޓުގެ މަސައްކަތް ކަމަށްވެސް އެކުންފުނިން ވަނީ ހާމަ ކޮށްފައެވެ.
އެމްޓީސީސީ އިން އިތުރަށް ހާމަ ކުރިގޮތުގައި މިވަގުތު ރަށުގެ އެތެރޭގެ މަގުތަކުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރާއި އެކު އެ ކުންފުނިން މިދިޔަ އަހަރުގެ ޖުލައި މަހުގެ 04 ވަނަ ދުވަހު މަސައްކަތާއި ހަވާލުވެފައިވާއިރު އެކުންފުނިން ހާމަ ކޮށްފައިވާ ގޮތުގައި ރިންގް ރޯޑާއި އެއްވަރަށް ރަށުގެ އެތެރޭގެ މަގުތައްވެސް ތަރައްގީ ކުރެވިގެން ދާނެއެވެ. ރަށުގެ އެތެރޭގެ މަގުތަކުގެ މަސައްކަތް ހަލުވި ކަމާއި އެކު ކުރަމުން އަންނައިރު މަސައްކަތް ނިމޭއިރު ރަށުގެ 31 މަގެއްގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރެވޭނެ ކަމަށްވެސް އެމްޓީސީސީ އިން ވަނީ ހާމަކޮށްފައެވެ.
ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަޝްރޫއާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ ކައުންސިލުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހު ވިދާޅުވީ ރަށުގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން މިވަގުތު އަންނަނީ ކާނުގަނޑު ބެހެއްޓުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ކާނުގަނޑު ބެހެއްޓުމުގައި އާންމު ގޮތެއްގައި ވާރޭވެހި ފެންބޮޑުވާ ސަރަހައްދުތަކަށް އިސްކަންދީފާވާނެ ކަމަށްވެސް ނިޖާހު ވަނީ ވިދާޅުވެފައެވެ. ނިޖާހު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ކާނު ގަނޑު ބަހައްޓަން ފެށި ފަހުން ރަށުގެ މަގުތަކުގައި ފެންބޮޑުވާ ވަރު ބޮޑު ތަނުން ވަނީ ރަނގަޅު ކުރެވިފައެވެ.
ފުވައްމުލަކަކީ ގުދުރަތީ ގޮތުން މެދަށް އަޑިކޮށް އުފެދިފައިވާ ރަށެއް ކަމުން ވާރޭ ވެހުމުން ފަސޭހައިން ރަށުގައި ފެން ބޮޑުވާ ގޮތް ދިމާވެއެވެ. އެގޮތުން އެންމެ ފަހުން ހުޅަނގު މޫސުމުގައި ވެހުނު ވާރޭގެ ސަބަބުން ރަށުގެ 6 ސަރަހައްދެއްގައި ޕަމްޕު ޖައްސައިގެން ސިޓީ ކައުންސިލުން ވަނީ ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ.