English Edition
Dhivehi Edition
އަންނަ ސީޒަނުގައި ބޭނުންކުރުމަށް ރެއާލް މެޑްރިޑުން ތައާރަފްކުރި ތިންވަނަ ޖާޒީ އެ ޓީމުގެ މާސެލޯ (ކ) އާއި ކަރީމް ބެންޒެމާ (ވ) ދައްކާލަނީ. --ފޮޓޯ: ޓުވިޓާ

ސްޕެއިނުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކުރިއަށް އޮތް ސީޒަނުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ތިންވަނަ ޖާޒީ ދައްކާލައިފިއެވެ.

ރެއާލްގެ ކިޓް ސްޕޮންސާ އެޑިޑާސް އިން އެ ޓީމު މި ފަހަރު ބޭނުންކުރާ ތިންވަނަ ޖާޒީ ފަރުމާކޮށްފައިވަނީ ކަޅު އަދި އަޅި ކުލައިގައެވެ. މި ޖާޒީގައި އެ ޓީމުގެ ލޯގޯގެ އިތުރުން އަރިމަތީގައި ހިމަނާފައިވާ ތިން ފަށުގައި ބޭނުންކޮށްފައިވަނީ ފިޔާތޮށި ކުލައެވެ. މި ޖާޒީ އާއެކު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އަޅި ކުލައިގެ ސޯޓާއި އިސްޓާކީނެވެ.

އެ ޓީމުގެ ތިންވަނަ ޖާޒީ ފަރުމާކުރުމަށް ކަޅު އަދި އަޅި ކުލަ ބޭނުންކޮށްފައިވަނީ ރެއާލް ނިސްބަތްވާ މުޅި މެޑްރިޑްގައި ހުންނަ ޓައިލްސްތަކުގައި ކުރެހުންތަކުގެ ކުލަތަކަށް ހުރި ގޮތް އަސްލަކަށް ބެލުމުގެ ގޮތުން ކަމަށް އެ ކްލަބުގެ ރަސްމީ ވެބްސައިޓްގައި ނެރުނު ބަޔާނެއްގައިވެއެވެ.

މީގެކުރީން، ރެއާލުން ވަނީ އެ ޓީމުގެ ދަނޑުގައި ކުޅޭ މެޗުތަކުގައި ބޭނުންކުރާ ހޯމް ޖާޒީގެ އިތުރުން ރަށުން ބޭރުގައި ބޭނުންކުރާ އަވޭ ޖާޒީ ވެސް ދައްކާލާފައެވެ. އެ ޓީމުގެ ހޯމް ޖާޒީ، ހުދު ކުލައިގައި ފަރުމާކޮށްފައިވާއިރު، ދެވަނަ ޖާޒީ ނުވަތަ އަވޭ ޖާޒީ ފަރުމާކޮށްފައިވަނީ ފިޔާތޮށި ކުލައިގައެވެ.