English Edition
Dhivehi Edition
ތ. ވޭމަންޑޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: އަރުޝަދު

ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ވޭމަންޑޫން ފުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެެވެ.

ފުލުހުން މިއަދު ބުނީ މި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު 14:15 އެހާކަންހާއިރު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކު ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ވޭމަންޑޫން ފުރަން އުޅެނިކޮށް އެރަށު ބަނދަރު ސަރަހައްދުން ކަމަށެވެ.

މީގެ އިތުރުން އެމީހާ ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސް އޭނާގެ އެކްސްރޭ ނަގައި ބެލިއިރު އޭނާ ހަށިގަނޑުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ހުރިކަން އެނގިފައިވާ ކަމަށާއި، ޑޮކްޓަރުންގެ އެހީތެރިކަމާއެކު އެތަކެތި ނަގައި ބެލިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްެރޭޓް ކޯޓަށް ހާޒިރުކުރުމުން މިިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް އަށް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ ތ. ވޭމަންޑު ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.