English Edition
Dhivehi Edition

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ނެދަލެންޑްސް ބަލިކޮށް އިޓަލީން ގުރޫޕްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން އިޓަލީ މޮޅުވީ 1-0 އިންނެވެ.

ރޭގެ މެޗަށް ނިކުތްއިރު މި މުބާރާތުގައި އެންމެ ފަހުން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ބޮސްނިއާ އެންޑް ހާޒެގޮވީނާއާ ދެކޮޅަށް 1-1 އިން އެއްވަރުވުމުން އެ ޓީމުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ވަނީ ނިމުމަކަށް އައިސްފައެވެ. މީގެއިތުރުން، ލީގު އޭގެ ގްރޫޕު އެކެއްގެ އެއްވަނަ މަގާމު ހޯދުމަށްޓަކައި އިޓަލީން ރޭގެ މެޗު ކާމިޔާބުކުރުން ނޫން ގޮތެއް ނެތެވެ.

އިޓަލީން ރޭގެ މެޗަށް ނިކުތްއިރު އެންމެ ފަހުން ބޮސްނިއާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، ޑިފެންސްލައިންގައި ހިމެނޭ ތިން ކުޅުންތެރިއެއް ބަދަލުކޮށްފައިވާއިރު، ދާދިފަހުން އަނިޔާއަށްފަހު ކުޅުމަށް އެނބުރިއައި އެ ޓީމުގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އަށް ފުރުޞަތުދީފައިވެއެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމުގެ ފޯވާޑްލައިންގައި އިސްދައުރެއް އަދާކުރި އަންދްރެއާ ބެލޮއްޓީގެ ބަދަލުގައި ރޭގެ މެޗުގައި ހިމަނާފައިވަނީ ލާޒިއޯގެ އިތުބާރު ފޯވާޑް ޗީރޯ އިމޯބިލޭ އެވެ. މިއާ ހިލާފަށް ނެދަލެންޑްސް އިން ރޭގެ މެޗަށް ނިކުތީ މި މުބާރާތުގައި ޕޯލެންޑް އަތުން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް އެންމެ ބަދަލެއް ގެނެސްގެންނެވެ.

ހޮލެންޑްގެ އެމްސްޓެޑަމް އެރީނާގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާއިރު، ގިނަ ވަގުތު ބޯޅަ ގެންގުޅުނީ އިޓަލީ އިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އެ ޓީމަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ. އެގޮތުން، އެ ޓީމަށް ލީޑްނަގައިދިނުމަށް އިމޯބިލޭ އަށް ލިބުނު ދެ ފުރުޞަތުގެވެސް ބޭނުންހިފޭގޮތްނުވިއިރު، ނިކޮލޯ ބަރެއްލާ އާއި ލޮރެންޒޯ އިންސީނިއޭ ފޮނުވާލި ހަމަލާތައް ނެދަލެންޑްސް ގޯލްކީޕަރު ޔެސްޕާ ސިލެސަން މަތަކުރިއެވެ. މި ހާފުގައި ނެދަލެންޑްސްގެ ޖޯޖީނިއޯ ވައިނަލްޑަމް ފޮނުވާލި ބޯޅަ އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ މަތަކުރިއެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ އުއްމީދީ މިޑްފީލްޑަރު ބަރެއްލާ އެވެ. މިއީ އެ ޓީމުގެ ފޯވާޑް އިމޯބިލޭ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބަރެއްލާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗު ބޮސްނިއާގެ ދަނޑުގައި ޕޯލެންޑުން ކާމިޔާބުކުރީ 2-1 އިންނެވެ. މި މެޗުގައި ބޮސްނިއާގެ ހާރިސް ހަޖްރަޑިނޮވިޗް އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ލީޑްނަގައިދީފައިވަނިކޮށް، ޕޯލެންޑުން ވަނީ ކަމިލް ގްލިކް އާއި ކަމިލް ގްރޮޒިސްކީ ވައްދާލި ގޯލްތަކުން ކުރި ހޯދާފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އުތުރު އަޔާލެންޑް އަތުން ރަށުން ބޭރުގައި 5-1 އިން ނޯވޭ މޮޅުވިއިރު އެ ޓީމުގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް ދެ ލަނޑުޖެހިއެވެ. އަމިއްލަ ދަނޑުގައި ސްކޮޓްލެންޑް އަތުން 2-1 އިން ޗެކްރިޕަބްލިކް ބަލިވިއިރު، ރޫމޭނިއާ ވަނީ ރަށުން ބޭރުގައި 3-2 އިން އޮސްޓްރިއާ އަތުން މޮޅުވެފައެވެ.