English Edition
Dhivehi Edition
ޗައިނީޒް ބަސް ދަސްކޮށްދޭ ކުލާހުން ވަނަ ހޯދި 3 ދަރިވަރުން

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އިންފުވައްމުލައްސިޓީގައި ކުރިއަށް ގެންދިޔަ ޗައިނާ ބަސް ކިޔަވައިދިނުމުގެ ބޭސިކް ކޯހުން އެންމެ މޮޅު 3 ދަރިވަރުންނަށް ސީއެމްސީއޭއިން 3 ސްކޮލަޝިޕް ފުރުސަތު ހޯދައިދީފިއެވެ.

އޮގަސްޓް މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެއްހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ފުވައްމުލަކު މިސްކިތްމަގު ލިއޯން، ފާތިމަތު މައިރާޒް މިރާޒެވެ. އަދި ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފުވައްމުލަކު މިސްކިތްމަގު ތަމަލަ، އައިޟަން މުޙައްމަދެވެ. 3 ވަނަ ހޯދާފައިވަނީ ފުވައްމުލަކު ދިގުވާނޑު ، ސަވާނާ ، ފާތިމަތު އަންޖުމް ޙަސަން އެވެ.

އިންސްޓިޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލޮޖީގައި، 2 ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 50 ދަރިވަރުން ވަނީ ބައިވެރިވެ ޕްރޮގްރާމު ކާމިޔާބު ކަމާއެކު ފުރިހަމަ ކޮށްފައެވެ.

އައްޑޫސިޓީ އަދި ފުވައްމުލައްސިޓީގައި ސީއެމްސީއިން ކުރިއަށް ގެންދިޔަ މި ކުލާސްތަކަކީ، ރިސޯޓުތަކުގައި މަސައްކަތް ކުރާ ޒުވާނުންނަށް މިދުވަސްވަރު ޗުއްޓީގައި ތިބޭއިރު ޗައިނާ ބަސް ދަސްކުރުމަށް ފުރުސަތު ހޯދައި ދިނުމާއި އަދި ރާއްޖެއިން ތަފާތު އެކި ބޭނުންތަކަށް ޗައިނާއަށް ދާ ފަރާތްތަކަށް އެތަނުގައި އަމިއްލަ އަށް އުޅެވޭ ވަރަށް ބަސް ދަސްކޮށްދިނުމުގެ މަގްޞަދުގައި ކުރިއަށް ގެންދިޔަ ކުލާސްތަކެކެވެ. އެގޮތުން ސީއެމްސީއޭއިން އައްޑޫގައި ހިންގި ކުލާސް ކާމިޔާބު ކަމާއެކު ނިންމައި ކުލާހުން 1 ވަނަ އަށް އައި ދަރިވަރަށްވެސް ވަނީ ސްކޮލަރޝިޕް އެވޯޑް ދީފައެވެ.

އައްޑޫއިން 1ވަނަ ހާސިލް ކުރި ޔުމްނާ ޝިހާބާއި އަދި ފުވައްމުލައް ސިޓީން 3 ވަނަ ހާސިލް ކުރި އަންޖުމް އަށް މިހާރުވަނީ ޗައިނާގެ ޔައާން ޔުނިވަރސިޓީން 1 އަހަރު ދުވަހުގެ ޗައިނީޒް ލެންގުއޭޖް ޕްރޮގްރާމަށް ފުރުސަތު ލިބިފައެވެ. އަދި ޗައިނާގެ ބޯޑަރ ހުޅުވުނުހާ އަވަހަކަށް އެ ދެކުދިން ޗައިނާއަށް ދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކޯހުން 1 ވަނަ އަދި 2 ވަނަ ހޯދި ދަރިވަރުންނަކީ ސްކޫލްގައި މިވަގުތު ކިޔަވަމުން އަންނަ ދަރިވަރުން ކަމަށް ވުމާއެކު އެ ދަރިވަރުން ސްކޫލް ނިމޭ ހިސާބުން ސްކޮލަރޝިޕް ފުރުސަތު ހޯދައިދިނުމަށް ސީއެމްސީއޭއިން ވަނީ ހަމަޖައްސާފައެވެ.

ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ. 2015 ވަނަ އަހަރު ވުޖޫދަށް އައި މިޖަމިއްޔާގެ ފައުންޑަރ އަދި ޗެއަރމަން އަކީ މީގެ ކުރިން ރާއްޖޭއިން ޗައިނާއަށް ކަނޑައަޅުއްވަވާފައިވާ ސަފީރެއްގެ މަގާމު އަދާކުރެއްވެވި ބޭފުޅެއް ކަމުގައިވާ މުހައްމަދު ރަޝީދެވެ.

ތިރީގައި މިވަނީ ފުވައްމުލައްސިޓީގައި ހިންގި ޗައިނާ ބަސް ދަސްކޮށްދޭ ކުލާހުގެ ދަރިވަރުން ކޯސް ނިންމުމުގެ ރަސްމިއްޔާތައް ތައްޔާރުކޮށްފައިވާ ވީޑިއޯ އެކެވެ.