ފުވައްމުލަކުގެ ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ބަޖެޓު ހަމަ ޖެހުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފެއްޓިގެން ދާނެ ކަމަށް ފެނަކައިގެ ޑިރެކްޓަރ އަތުހަރް ހަލީމް ވިދާޅުވެއްޖެއެވެ.
އޭއޯ ނިއުސް އަށް ދިން ހާއްސަ އިންޓަވިއު އެއްގައި އަތުހަރު ވިދާޅުވީ ފުވައްމުލަކުގެ ނަރުދަމާއަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކާއި އެކު މަޝްވަރާތައް ކުރެވި މައްސަލަ ހައްލު ކުރުމަށް ބައްދަލު ކުރަންޖެހޭ ފަރާތްތަކާއި އެކު މިވަގުތު ޓެކްނިކަލް މީޓިންގްތައް ނިމިފައިވާ ކަމަށެވެ. އެގޮތުން ޓެކްނިކަލް ޕްރޮޕޯޒަލް އެއް ހެދި އެކަމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ޕްލޭނިންގެ ލަފާ ލިބިފައިވާ ކަމަށްވެސް އަތުހަރް ވަނީ ފާހަގަ ކޮށްފައެވެ.
އަތުހަރް އިތުރަށް ވިދާޅުވެފައިވަނީ ފައިނޭންޝިއަލް ޕްރޮޕޯޒަލް އެއް ހެދި މިނިސްޓްރީ އޮފް ފައިނޭންސް އަށް އެ ފޮނުވިފައިވާ ކަމަށާއި ބަޖެޓު ހަމަ ޖެހޭ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އެގޮތުން ބަޖެޓުގެ އެންމެ ފަހުގެ އަދާހަމައެއް (އަޕްޑޭޓެއް) ހޯދާލުމަށް މިދިޔަ ހަފްތާގައިވެސް ފައިނޭންސް މިނިސްޓްރީ އަށް ދަންނަވާފައިވާނެ ކަމަށްވެސް އަތްހަރް ވަނީ ވިދާޅުވެފައެވެ.
ފުވައްމުލަކުގެ ނަރުދަމާ ނިޒާމަށް މިވަގުތު ދިމާވެފައިވާ މައްސަލަ އަކީ ސިސްޓަމުގައި ފެން ނޭޅި ހުންނަން ޖެހޭ ބައިތަކަކަށް ފެން އެޅުމުގެ ސަބަބުން އެ ސިސްޓަމުގެ ބައިތައް ފެއިލް ވުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކެއް ކަމަށްވެސް އަތުހަރު ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެ މައްސަލަ މިވަގުތު ހައްލު ކުރެވެން އޮތް ހަމަ އެކަނި ގޮތަކީ ޕަމްޕް ޖައްސައިގެން ހިއްކުން ކަމުގައިވެސް އަތުހަރު ވަނީ ވިދާޅުވެފައެވެ.
ނަރުދަމާގެ މައްސަލައާއި ބެހޭގޮތުން ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ނިޖާހް ވިދާޅުވެފައިވަނީ މައްސަލައިގެ ސީރިއަސްކަން އެނގިވަޑައިގަންނަވާ ކަމަށާއި އެގޮތުން ފެނަކައާއި އެކު މައްސަލައަށް މިވަގުތު ލިބެން އިން ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިވަގުތު ގަވައިދުން ޕަމްޕު ޖަހައިގެން ޖަންކްޝަންތައް ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ނިޖާހް ވަނީ ފާހަގަ ކުރައްވާފައެވެ.
ފުވައްމުލަކުގެ ނަރުދަމާގެ މައްސަލަ ދިމާވެ ގިނަ އާންމުންނަށް އަންނަނީ ދަތިތައް ކުރިމަތި ވަމުންނެވެ. އެގޮތުން ގިނަ ބައެއް ފާހަގަ ކުރާ ގޮތުގައި ރަށުގެ ނަރުދަމާ އެޅި ފަހުން ވަޅު ފެން ސަކަރާތްވެ މުޅި ރަށު ތެރޭގައިވަނީ ނަޖިސް ވަސް ފެތުރިފައެވެ.