English Edition
Dhivehi Edition
ޔޫކްރޭން ކޮޅަށް ލަނޑުޖެހުމަށްފަހު ސްޕެއިނުގެ އަންސޫ ފާޓީ (ކ) އާއި ފެރާން ޓޮރޭސް (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޔޫކްރޭން އަތުން ފަސޭހަކަމާއެކު ސްޕެއިން މޮޅުވިއިރު، ސްވިޒަލެންޑްއާ ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނު އެއްވަރުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ސްޕެއިނުން 4-0 ގެ ނަތީޖާއަކުން ޔޫކްރޭން ބަލިކުރިއިރު، ސްވިޒަލެންޑްގެ ދަނޑުގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ރޭގެ ނަތީޖާއާއެކު، ނޭޝަންސް ލީގުގެ ތާރީޚުގައި ޖަރުމަނުން މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން އެންމެ މެޗަކުންވެސް މޮޅެއް ހޯދިފައެއްނުވެއެވެ.

ސްޕެއިނުން ރޭގެ މެޗަށް ނިކުތްއިރު މި މުބާރާތުގައި އެންމެ ފަހުން ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ވަނީ ހަ ބަދަލެއް ގެނެސްފައެވެ. އެގޮތުން، ބާސެލޯނާގެ ޒުވާން ފޯވާޑް އަންސޫ ފާޓީ، ފުރަތަމަ ފަހަރަށް ސްޕެއިނުގެ ސީނިއާ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވާއިރު، އާރްބީ ލީޕްޒިގުން ވިދާލި ޑަނީ އޮލްމޯ އަށް ވެސް ވަނީ ފުރުޞަތުދީފައެވެ.

މެޑްރިޑްގެ އެސްޓާޑިއޯ އަލްފްރެޑޯ ޑި ސްޓެފާނޯގައި ރޭ ކުޅުނު މެޗު ފެށިތާ ތިންވަނަ މިނެޓުގައި ސްޕެއިނަށް ލީޑްނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. މިއީ ފާޓީ އަށް ޔޫކްރޭންގެ ސަރްހެއި ރިވްޓްސޯވް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ސްވިޒަލެންޑްއާ ދެކޮޅަށް ޖަރުމަނު ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

އޭގެފަހުން، މެޗުގެ 29 ވަނަ މިނެޓުގައި ސްޕެއިނުގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ރާމޯސް އެވެ. މިއީ އެ ޓީމުގެ ޒުވާން މިޑްފީލްޑަރު އޮލްމޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ރާމޯސް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. އޭގެ ތިން މިނެޓުފަހުން، ސާޖިއޯ ރެގީލޯން ދިން ބޯޅައަކުން ފާޓީ ވަނީ ސްޕެއިނަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ. މި ގޯލާއެކު ފާޓީ ވަނީ ސްޕެއިނުގެ ގައުމީ ޓީމަށް މިހާތަނަށް ލަނޑުޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ސްޕެއިނުގެ ފަހު ލަނޑު، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ދާދިފަހުން މެންޗެސްޓާ ސިޓީ އަށް ބަދަލުވި ފެރާން ޓޮރޭސް އެވެ.

ރޭގެ މެޗުގައި ލަނޑުޖެހިއިރު ފާޓީގެ އުމުރަކީ އެންމެ 17 އަހަރެވެ. މީގެކުރީން، އޭނާ ވަނީ ސްޕެނިޝް ލީގުގަ އާއި ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަށް މިހާތަނަށް ލަނޑުޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. މީގެއިތުރުން، ރޭގެ މެޗުގައި ޖެހި ގޯލާއެކު ރާމޯސް ވަނީ ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު 15 މެޗުގައި ނުވަ ލަނޑުޖަހާފައެވެ.

ނޭޝަންސް ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި މި ގްރޫޕުގައި ހިމެނޭ ޖަރުމަނާއި ސްވިޒަލެންޑްގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗެކޭ އެއްފަދައިން ރޭގެ މެޗުގައިވެސް ކުރީން ލީޑްނެގީ ޖަރުމަނުންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި މިލަނޑު އެ ޓީމަށް ޖަހައިދިނީ އިލްކާއި ގުންޑޮގަން އެވެ. ސްވިޒަލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ފަހު ހާފުގެ ކުޅުން ފެށިތާ 12 ވަރަކަށް މިނެޓުގެ ތެރޭގައި ސިލްވަން ވިޑްމާ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަަށް ބަލާއިރު، ބަލްގޭރިއާ އަތުން 1-0 އިން ވޭލްސް މޮޅުވިއިރު، ރަޝިޔާ ވަނީ 3-2 އިން ހަންގޭރީ ބަލިކޮށްފައެވެ. ތުރުކީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ސާބިއާ ކުޅުނު މެޗު ނިމުނީ ލަނޑެއްނުޖެހި 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ.