English Edition
Dhivehi Edition
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގަސްތަކެއް ވެއްޓިފައި - ފޮޓޯ: ޕޮލިސް

އިއްޔެއިން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ކޯޓުތަކަށް ތަފާތު ގެއްލުންވެފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ގެއްލުންތައް މަރާމާތުކޮށް އެ ކޯޓުތައް ޢާއްމު ޙާލަތަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފާއިތުވި 24 ގަޑިއިރު މާލެ އާއި އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އަތޮޅުތަކުގައި ގިނަ ހާދިސާތަކެއް ހިނގާފައިވާއިރު، އެ ހާދިސާތަކާ ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގެއްލުންތައް ކުޑަކުރުމަށްޓަކައި އެކިހަލަ މަސައްކަތްތައް ފުލުހުންވެސް ދަނީ ކުރަމުންނެވެ.

މެޓް އޮފީހުން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން މިރޭ 21:00 އިން މެންދަމު 02:00 އާއި ހަމައަށް، ހއ. އަތޮޅުން މ. އަތޮޅާ ދެމެދަށް ހުދު ސަމާލުވެސް ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި އެ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި އެ ސަރަޙައްދުތަކަށް ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.