English Edition
Dhivehi Edition
ޕޯޗުގަލްގެ ޑިއޯގޯ ޔޮޓާ (ކ) އާއި ޔާއޯ ކަންސެލޯ (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަދި އިންގްލެންޑް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ އަތުން 4-1 އިން ޕޯޗުގަލް މޮޅުވިއިރު، ސްވިޑެންގެ ދަނޑުގައި ފްރާންސް މޮޅުވީ 1-0 އިންނެވެ. އަދި ރަށުން ބޭރުގައި އައިސްލެންޑް އަތުން އިންގްލެންޑް މޮޅުވީ ވެސް ހަމަ އެ ނަތީޖާއިންނެވެ.

އަނިޔާގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ޕޯޗުގަލް ކުޅުނު މެޗުގައި އެ ޓީމަށް ލީޑްނަގައިދިނީ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ފުލްބެކް ޔާއޯ ކަންސެލޯ އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން ކަންސެލޯ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ.

ޕޯޗުގަލް އިން ޖެހި ދެވަނަ ލަނޑު، މެޗުގެ 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިއޯގޯ ޔޮޓާ އެވެ. އޭގެ 12 މިނެޓުފަހުން އެ ޓީމުގެ ޒުވާން ފޯވާޑް ޔާއޯ ފެލިކްސް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ފެލިކްސްގެ އިތުރުން ޔޯޓާ ވެސް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ސްވިޑެންއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

ކްރޮއޭޝިއާ އިން ޖެހި ހަމައެކަނި ލަނޑު، މެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި މި ހާފުގައި ކުޅެން ނިކުތް ބްރޫނޯ ޕެޓްކޮވިޗް ކާމިޔާބުކުރިއިރު، ޕޯޗުގަލްގެ ފަހު ލަނޑު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަންދްރޭ ސިލްވާ ވައްދާލީ މެޗުގެ އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ސްވިޑެންގެ ފްރެންޑްސް އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފްރާންސަށް މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، އެ ޓީމުން ގޯލަށް އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާގައި މެޗުގެ 41 ވަނަ މިނެޓުގައި ލީޑްނަގައިދިނީ ޕީއެސްޖީގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.

ރޭގެ މެޗުގެ ދެވަނަ ހާފުގައި ފްރާންސަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު، މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅުނު ސްވިޑެން އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެމީލް ފޯސްބާގް ފޮނުވާލި ހަމަލާ ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް މަތަކުރިއެވެ.

އިންގްލެންޑްގެ ރަހީމް ސްޓާލިން ޕެނަލްޓީ ސްޕޮޓްމަތީން ބޯޅަ ފޮނުވާލަނީ. –ފޮޓޯ: ޓުވިޓާ

މެޗުނިމެން ދަނިކޮށް ފްރާންސްގެ ލީޑް ފުޅާކުރުމަށް އެ ޓީމުގެ އެންޓޮއިން ގްރީޒްމަން އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ފަހު ހާފުގައި ކުޅެން ނިކުތް އެންތަނީ މާޝިއަލް އަށް ސްވިޑެންގެ ޑިފެންޑަރު ވިކްޓަ ލިންޑެލޮފް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ގްރީޒްމަން ފޮނުވާލުމުން ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ.

އައިސްލެންޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 70 ވަނަ މިނެޓުގައި އިންގްލެންޑްގެ ފުލްބެކް ކައިލް ވޯކާ އަށް ރަތް ކާޑު ދެއްކުމުން، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން އައި އިންގްލެންޑް މޮޅުވި ލަނޑު، މެޗުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސިޓީގެ ވިންގާ ރަހީމް ސްޓާލިން އެވެ. މިއީ ސްޓާލިން ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އައިސްލެންޑްގެ ޑިފެންޑަރު ސްވެރީ އިންގަސަން އަތުގައި ބޯޅައިން ޖެހުމުންނެވެ. މި ޕެނަލްޓީ ދިނުމުގެ އިތުރުން ރެފްރީ ވަނީ އިންގަސަން އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދައްކާފައެވެ.

އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި އައިސްލެންޑަށް ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އައިސްލެންޑްގެ ކުޅުންތެރިއަކަށް އިންގްލެންޑްގެ ލިވަޕޫލް ޑިފެންޑަރު ޖޯ ގޯމޭޒް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ބާހީރް ޔާނަސަން ފޮނުވާލުމުން ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ.

މި މުބާރާތުގައި ރޭ ކުޅުނު ބައެއް މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޑެންމާކް އަތުން ރަށުން ބޭރުގައި 2-0 އިން ބެލްޖިއަމް މޮޅުވިއިރު އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޖޭސަން ޑެނާޔާ އާއި ޑްރީސް މާޓެންސް އެވެ. ސައިޕްރަސް އަތުން 2-0 އިން މޮންޓެނީގްރޯ މޮޅުވިއިރު، ލަގްޒެމްބޯގް ވަނީ 2-1 އިން އަޒަރުބައިޖާން ބަލިކޮށްފައެވެ. އާމީނިއާ އަތުން އުތުރު މެސެޑޯނިއާ މޮޅުވީ ވެސް 2-1 އިންނެވެ.