English Edition
Dhivehi Edition
ދިގިހެރަ، އައްޑޫ ސިޓީ ފޭދޫ - ފޮޓޯ: އޭއޯ ނިއުސް

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ނެރުނު ހުދު ސަމާލުގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު 12:00 އިން 16:00 އާއި ހަމައަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފައެވެ. އަދި މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުގަކުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިއަދު ހެނދުނު 10:00އިން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ، އަދި މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ.

މީގެ އިތުރުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

އަދި ރާއްޖެގެ ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 6-9 ފޫޓު ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި، އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަންގާ ކަމަށެވެ.