English Edition
Dhivehi Edition

ރާއްޖެ އަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިރޭ އޮރެންޖް އިންޒާރު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިރޭ އޮރެންޖު އިންޒާރު ނެރެފައިވަނީ 10.30 ން ދަންވަރު 02:30 އަށެވެ. އެ އިދާރާއިން މިރޭ ނެރުނު އިންޒާރުގައި ވާ ގޮތުން ކުރިއަށް އޮތް ވަގުތު ތަކުގައި ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަ ވާނެ އެވެ. މެޓް އޮފީހުން ވަނީ ރާއްޖޭގެ ބައެއް ހިސާބުތަކަށް ކަނޑު ގަދަވުމުގެ ސަބަބުން އުދަ އަރާނެ ކަމަށްވެސް ލަފާ ކޮށްފައެވެ.

ރާއްޖޭގައި މޫސުން ދަރަޖަ ކުރުމުގައި އޮރެންޖް އެލާޓް ނެރެނީ ގަޑި އިރެއްގެ ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި ގަޑިއަކު 63 މޭލަށް ވައިގަދަ ވުމުންނެވެ. މިއީ ރާއްޖޭގައި އޮރެންޖް އިންޒާރު ނެރުނު 3 ވަނަ ފަހަރެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިންޒާރުތައް ދަރަޖަ ކޮށްފައިވަނީ ވައިޓް، ޔެލޯ، އޮރެންޖް، ރެޑް އަދި ވިއްސާރަ އަލިވެ މޫސުން ރަނގަޅުވުމުން ގްރީންއެވެ.

މޫސުމާއި ބެހޭ އިދާރާއިން މިރޭ 9 ޖެހި އިރު ހާމަ ކޮށްފައިވާ ގޮތުގައި މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރު ގަދަވެ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވާނެއެވެ. އެގޮތުން އެ އިދާރާއިން ވަނީ ކަނޑު ދަތުރު ކުރާއިރު އެކަމަށް ސަމާލު ވުމަށް އެދިފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން މިދާ ވިއްސާރައިގައި މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ މައްސަލަ އަންނަނީ ގިނަ ރަށްތަކަކަށް ދިމާވަމުންނެވެ. އެގޮތުން ފުވައްމުލަކުގެ 3 ސަރަހައްދެއްގައި ފެންބޮޑުވުމުގެ ސަބަބުން މިހާރުވެސް އަންނަނީ ޕަމްޕު ޖައްސައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.