މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވައިގަދަވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. އެގޮތުން ގއ އިން ފެށިގެން އައްޑޫސިޓީއަށް ވިއްސާރަވެ ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ. އެ އިދާރާއިން ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް މިއަދު ވަނީ ހުދު ސަމާލު ނެރެފައެވެ.
މިއަދު 10.30 އާއި ހަމަޔަށް ނެރުނު އެ ސަމާލުގައި ، ބޯކޮށް ވާރޭވެހުމާއެކު، ގުގުގުރާނެ ކަމަށާއި އަދި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ވިދާޅުވީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ.
“މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ” މެޓުން ބުނެފައިވެއެވެ.
މިއަދު ކަނޑުތަކަށް ބަލައިލާއިރު އުތުރާއި މެދުރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަދަވާނެކަމަށާއި އަދި ދެކުނުގައި ކަނޑުތައް ގަދަވާނެކަމަށް މެޓުން ހާމަކުރެއެވެ.
ރާޅުގެ އުސްމިނަށް ބަލާއިރު އުތުރާއި މެދުރާއްޖޭގައި ރާޅުގެ އުސްމިން ހަ ފޫޓާއި ނުވަ ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށާއި އަދި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ ފަސް ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ކަމަށްވެސް މެޓުން ބުނެއެވެ.
މިއަދު ބޯކޮށް ވާރޭވެހި، ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުން، އަދި ވަކިން ޚާއްޞަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން އިލްތިމާސް ކުރެއެވެ.