ރާއްޖޭއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފުވައްމުލައް ސިޓީ ހިމެނޭ ސަރަހައްދަށްވެސް މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފައިވާތީވެ، ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ސަމާލުވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ވައިގަދަވެ ވިއްސާރަވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ރިޕޯޓު ކުރުމަށް ޚާއްސަ ހޮޓްލައިނެއް ގާއިމުކޮށްފައެވެ. އެގޮތުން އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެ ކައުންސިލުގެ ހޮޓްލައިން 7315001 އަށް ގުޅުއްވާ ރިޕޯޓު ކުރެއްވުމަށް ކައުންސިލުން އެދިފައިވެއެވެ.
މުޅިރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކަށް ރޭ ފަތިހުން ފެށިގެން ބޯކޮށް ވާރޭ ވެހި ރަށުގެ 3 ސަރަހައްދެއްގައި ފެން ބޮޑުވުމުގެ ސަބަބުން މިވަގުތު އަންނަނީ ޕަމްޕް ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. ފުއައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއްވި ގޮތުގައި މިހާތަނަށް މިކަމާ ގުޅިގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު އަދި އެ އިދާރާއަށް ރިޕޯޓުކޮށްފައެއްނުވެއެވެ.
މޯލްޑިވްސް މީޓެރެލޮޖިކަލް ސެންޓަރ އިން މިހާރު ނެރެފައިވާ ރީނދޫ ސަމާލުގައިވާ ގޮތުން ލާމު އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދުގެ ހަވީރު4:45 އިން މިރޭ 20:00 އަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރު މިނުގައި ވައިޖެހޭނެއެވެ.