ބަޔާ ލެވަކޫސަން އަށް ކުޅެމުން އައި ޖަރުމަނުގެ ޒުވާން ތަރި ކާއީ ހާވާޓްޒް، ޗެލްސީ އަށް ބަދަލުވެއްޖެއެވެ.
އުމުރުން 21 އަހަރުގެ ހާވާޓްޒް, ޗެލްސީ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޗެލްސީން ހަވާޓްޒްގެ ސޮއި ހޯދުމަށް ލެވަކޫސަން އަށް 71 މިލިއަން ޕައުންޑް (94 މިލިއަން ޑޮލަރު) ވަނީ ދައްކާފައެވެ. އަދި ބޯނަސްގެ ގޮތުގައި އިތުރު 20 މިލިއަން ޕައުންޑް ދޭން ޗެލްސީން ވަނީ އެއްބަސްވެފައެވެ.
ޗެލްސީން ހާވާޓްޒްގެ ސޮއި ހޯދާފައިމިވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި މެދުކެނޑުމެއްނެތި ކުރި ބުރަ މަސައްކަތްތަކަށް ފަހުގައެވެ. އެގޮތުން، ލެވަކޫސަނުން އެންމެ ފުރަތަމަ ހާވާޓްޒް ވިއްކާލަން 90 މިލިއަން ޕައުންޑް ކިޔުމުން ޗެލްސީން އެއްބަހެއްނުވިއެވެ. އޭރު ލެވަކޫސަންގެ އިސްވެރިން ވެސް ބުނަމުންދިޔައީ ވިއްކާލަން ވަކި އަގެއް ކަނޑައަޅާފައިވާކަމަށާއި އަގު ކުޑަނުކުރާނެ ކަމަށެވެ. އެކަމަކު، ފަހުން އަގު ކުޑަކުރަން އެއްބަސްވީ ހާވާޓްޒްގެ އެދުމުގެ މަތީންނެވެ.
ހާވާޓްޒް އެންމެ ފުރަތަމަ ލެވަކޫސަންގެ ސީނިއާ ޓީމުން ޖާގަ ހޯދީ އުމުރުން 17 އަހަރުގައި 2016/2017 ވަނަ އަހަރުގެ ބުންޑެސްލީގާ ސީޒަނުގައެވެ. މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހާވާޓްޒް އަކީ މިޑްފީލްޑްގެ އިތުރުން ފޯވާޑްލައިންގެ ކޮންމެ މަގާމަކަށް ވެސް ކުޅުމުގެ ގާބިލްކަންހުރި ކުޅުންތެރިއެކެވެ.
ޖަރުމަނުގެ ގައުމީ ޓީމުން މިހާރު ގަވާއިދުން ޖާގަ ހޯދަމުން އަންނަ ހާވާޓްޒް ވަނީ ލެވަކޫސަންގެ ސީނިއާ ޓީމަށް ކުޅެދިން 148 މެޗުގައި 45 ގޯލްޖަހައި، އިތުރު 31 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. މީގެއިތުރުން، ގައުމީ ޖާޒީގައި އޭނާ މިހާތަނަށް ކުޅުނު ހަތް މެޗުގައި އެއް ލަނޑުޖަހާފައިވެއެވެ.
ޗެލްސީގެ ކޯޗުކަމާ މިދިޔަ އަހަރު އެ ޓީމުގެ ލެޖެންޑް ފްރާންކް ލަމްޕާޑް ހަވާލުވިއިރު އޮތީ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ދީފައިވާ ސަސްޕެންޝަނެއްގައެވެ. އެހެންނަމަވެސް، ސަސްޕެންޝަނުން ސަލާމަތްވުމާ އެކު މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމުން ވަނީ މިހާތަނަށް އައިއިރު ކުޅުންތެރިން ގަތުމަށް 200 މިލިއަން ޕައުންޑަށް ވުރެން ގިނައިން ހަރަދުކޮށްފައެވެ.
ހާވާޓްޒްގެ އިތުރުން ޗެލްސީން ކުރިއަށް އޮތް ސީޒަނަށް ގެނައި ކުޅުންތެރިންނަކީ، ހަކީމް ޒިޔެޗް، ޓިމޯ ވާނާ، ތިއާގޯ ސިލްވާ، ބެން ޗިލްވެލް އާއި މަލަންގް ސާ އަދި ޒަވިއޭ އެމްބުޔަމްބާ އެވެ. މީގެތެރެއިން ތިއާގޯ އާއި ސާ އަދި އެމްބުޔަމްބާ ގެނައީ ހިލޭ ޓްރާންސްފާއެއްގައެވެ.