English Edition
Dhivehi Edition
5 މަސް ކުރިން
ޖަރުމަނު ކޮޅަށް ލަނޑުޖެހުމަށްފަހު ސްޕެއިނުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވޓާ

ޔުއެފާ ނޭޝަންސް ލީގުގެ ދެވަނަ މުބާރާތުގައި ރޭ ކުޅުނު ބޮޑު މެޗުގައި ރަށުން ބޭރުގައި ޖަރުމަނާ ދެކޮޅަށް ކުޅެ ފަހުވަގުތު ހޯސޭ ގާޔާ ވައްދާލި ގޯލުން ސްޕެއިނުން ޕޮއިންޓެއް ހޯދައިފިއެވެ. މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ޖަރުމަނާއި ސްޕެއިނުން ވެސް ރޭގެ މެޗަށް ނިކުތްއިރު އާއްމުކޮށް ކުޅެމުން އަންނަ އެ ދެ ޓީމުގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، ރޭގެ މެޗުގައި ޖަރުމަނުގެ ގޯލް ބެލެހެއްޓީ ތިންވަނަ ކީޕަރު ކެވިން ޓްރަޕް އެވެ. އޭނާ އަށް ފުރުޞަތު ލިބުނީ މިވަގުތު އެ ޓީމުގެ އެއްވަނަ ކީޕަރު މެނުއަލް ނޯޔާ ޓީމާ ދުރުގައި ހުރުމުންނާއި، ބާސެލޯނާ އަށް ކުޅެމުން އަންނަ މާކް އަންދްރޭ ޓަ ސްޓެގަން އަނިޔާގައި ހުރުމުންނެވެ.

Advt

Advertisement

ޖަރުމަނުގެ ސްޓުޓްގާޓް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއްލިބިފައިވީނަމަވެސް، ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. ފުރަތަމަ ހާފުގައި ޖަރުމަނުގެ ތިލޯ ކެރާ އާއި ޖޫލިއަން ޑްރެކްސްލާގެ އިތުރުން ލެރޯއީ ސާނޭ އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ސްޕެއިނުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއެވެ. މި ހާފުގައި ސްޕެއިނަށް މާގިނަ ފުރުޞަތުތަކެއް ލިބިފައިނުވާއިރު އެ ޓީމުގެ ސާޖިއޯ ބުސްކެޓްސް އާއި ރޮޑްރީގޯ މޮރޭނޯ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޖަރުމަނުގެ ކީޕަރު ޓްރަޕެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ޖަރުމަނުން ލީޑްނެގީ ދާދިފަހުން އިނގިރޭސި ކްލަބު ޗެލްސީ އަށް ބަދަލުވި ޓިމޯ ވާނާ ކާމިޔާބުކުރި ހިތްގައިމު ގޯލުންނެވެ. މިއީ އެ ޓީމުގެ ރޮބިން ގޯސެންސް ތަނަވަސްކުރި ފުރުޞަތަކުން ވާނާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެ 10 މިނެޓުފަހުން، ޖަރުމަނުގެ ލީޑް ފުޅާކުރުމަށް ވާނާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. ސްޕެއިނުން ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތުގައި ތިއާގޯ އަލްކަންތާރާ އާއި އޮސްކާ ރޮޑްރިގޭޒްގެ އިތުރުން ރޮޑްރީގޯ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ޖަރުމަނާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

ސްޕެއިނުން އެއްވަރުކުރީ މެޗުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ރޮޑްރީގޯ ދިން ބޯޅައަކުން ގާޔާ އެވެ. އޭގެކުރީން، އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ އަންސޫ ފާޓީ ގޯލެއް ކާމިޔާބުކުރިނަމަވެސް ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ ފާޓީ އަށް އެ ބޯޅަ ލިބުމުގެ ކުރީން ޖަރުމަނުގެ ގިންޓާ އަށް ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ރާމޯސް ފައުލްކުރިކަމަށް ނިންމާފައެވެ.

ރޭގެ މެޗުން އެއްވަރުވުމާއެކު ޖަރުމަނުން މި މުބާރާތުގައި މޮޅެއް ހޯދުމަށް ކުރަމުން އައި އުއްމީދުތަކަށް އިތުރު އިންތިޒާރެއް ކުރަން ވަނީ ޖެހިފައެވެ. އެ ޓީމުން އެންމެ ފަހުގެ މުބާރާތް ނިންމާލީ ވެސް ގްރޫޕުގެ ފުލުގައި އޮވެގެންނެވެ.

ނޭޝަންސް ލީގުގައި ގްރޫޕް ޑީ ގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ޔޫކްރޭން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ސްވިޓްޒަލޭންޑް ބަލިކޮށްފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އެންޑްރީ ޔާމޮލެންކޯ އާއި އޮލެގްސެންޑަ ޒިންޗެންކޯ އެވެ. ސްވިޓްޒަލޭންޑްގެ ހަމައެކަނި ލަނޑުޖަހައިދިނީ ހާރިސް ސެފަރޮވިޗް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ސާބިއާ އަތުން 3-1 އިން ރަޝިޔާ މޮޅުވިއިރު، ހަންގޭރީ ވަނީ ރަށުން ބޭރުގައި 1-0 އިން ތުރުކީ ބަލިކޮށްފައެވެ. ފިންލޭންޑް އަތުން ވޭލްސް މޮޅުވީ ވެސް ހަމަ މި ނަތީޖާއިންނެވެ.