ރާއްޖޭގެ ދެކުނުގައި މަސް ބަންދުކުރާ ދެ ކާރުޚާނާ އަޅަން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
މިފްކޯގެ “ޖަޒީރާ 103” ބޯޓުން މަސް ކިރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަޙައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާ ކުރުމަށާއި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ވާދަވެރިކަން އިތުރުކުރުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ވަނީ 64.8 މިލިއަން ޑޮލަރުގެ މަޝްރޫޢެއް މިމަހުގެ 17 ވަނަ ދުވަހު ފާސްކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖެއަށް 52.8 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް އެ ބޭންކުން ނިންމާފައިވާ ކަމަށާއި ރާއްޖެއަށް ދިނުމަށް ނިންމި ފައިސާގެ ތެރޭގައި ހިލޭ އެހީއާއި ލޯނުގެ ގޮތުގައި ދިން ފައިސާ ވެސް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބާކީ 12 މިލިއަން ޑޮލަރު ޚަރަދުކުރާނީ ހުޅަނގު ދެކުނު އިންޑިއާ ކަނޑުގައި ހިމެނޭ އެހެން ޤައުމުތަކަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ވޯލްޑު ބޭންކުން ދޭ ފައިސާއިން ދެކުނުގެ މަސްވެރިކަމަށް ރަނގަޅު މަޝްރޫޢުތަކެއް ހިންގުމަށް ނިންމަވާފައިވާ ކަމަށާއި ވަރަށް އަވަހަށް މިކަމުގެ ބިޑަށް ހުޅުވާލައްވާނެކަމަށެވެ.
މި ޕްރޮޖެކްޓްގެ ދަށުން ދެކުނުގެ ސަރަހައްދަށް ދުވާލަކު 25 ނުވަތަ 50 ޓަނުގެ މަސް ބަންދުކުރެވޭ ދެ ފެކްޓްރީ އެޅުމަށް ބޭނުންވާ ފައިސާގެ %30 ގްރާންޓްގެ ގޮތުގައި އެކަމަށް އެދޭ އަމިއްލަ ފަރާތަކަށް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށާއި މި ފައިސާ މިހާރު ހުރީ ނިމިފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެ ސަރަހައްދުގައި ފެކްޓްރީ އަޅަން ބޭނުންވާ ފަރާތްތައް އެބަހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެފަދަ ފަރާތްތަކުން މިނިސްޓްރީއާއި ބައްދަލުކުރުމަށް އެދިވަޑައިގަންނަވާފައެވެ.