English Edition
Dhivehi Edition
ޕެނަރޯލްގެ މެޗެއްގެ ތެރެއިން ޑިއޭގޯ ފޯލާން. --ފޮޓޯ: އޭޕީ

އުރުގުއޭ ލީގުގައި ކުޅުނު މެޗުތަކުގެ ނަތީޖާ ދަށްވުމުން 11 މެޗަށްފަހު ޕެނަރޯލްގެ ކޯޗުކަމުން އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ ފޯލާން ވަކިކޮށްފިއެވެ.

އުމުރުން 41 އަހަރުގެ ފޯލާން، ކުޅުންތެރިއެއްގެ ގޮތުގައި ދަނޑުމަތީގައި ލަނޑުޖެހުމުގައި ހުނަރުވެރިކަން ދައްކާފައިވީނަމަވެސް އޭނާގެ އުފަން މޮންޓެވިޑިއޯގެ ކްލަބު ޕެނަރޯލްގެ ކޯޗުކަމާއި މިދިޔަ ޑިސެންބަރު މަހު ހަވާލުވިފަހުން އެ ޓީމު ކުޅުނު ވާދަވެރި 11 މެޗުގެ ތެރެއިން މޮޅުވީ އެންމެ ހަތަރު މެޗުންނެވެ.

ފޯލާން ވަނީ ޕެނަރޯލް އާއެކު މަސައްކަތްކުރުމުގެ ފުރުޞަތުދިނުމުން އެކަމަށް ކްލަބަށް ޝުކުރު އަދާކޮށްފައެވެ. އަދި ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް ދިން ލޯތްބާއި، އިހްތިރާމްގެ އިތުރުން ބެހެއްޓި ގާތްކަމަށް ވެސް ޓުވިޓާ މެދުވެރިކޮށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

އޭނާގެ ކެރިއަރުގެ ފަހުކޮޅު ކުޅުންތެރިއެއްގެ ގޮތުގައި 2015/16 ވަނަ އަހަރުގެ ސީޒަނުގައި ޕެނަރޯލް އާއެކު އުރުގުއޭ ލީގު ކާމިޔާބުކޮށްފައިވާއިރު، ޔޫރަޕްގެ ގަދަ ޓީމުތައް ކަމަށްވާ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި، އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑާއެކު ވަނީ ފަޚުރުވެރި އެތައް ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.

އެގޮތުން، އޭނާގެ ކެރިއަރުގެ އެންމެ އުފާވެރި ދުވަސްތައް ހޭދަކުރީ އެތުލެޓިކޯ އާއެކު ޔުއެފާ ސުޕަކަޕްގެ އިތުރުން ޔުރޮޕާ ލީގު އުފުލާލައިފައިވާއިރު، ޔުނައިޓެޑާއެކު ޕްރިމިއާ ލީގާއި، އެފްއޭކަޕް އެއް ފަހަރު ކާމިޔާބުކޮށްފައިވެއެވެ.