English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޑްރޯންސްޓަގްރާމް/މުޙައްމަދު ޝަރުހާން

އައްޑޫ ސިޓީ ހިތަދޫގައި މަސްކަނޑާ ވިއްކުމަށް ދެ ސަރަޙައްދެއް ކަނޑައަޅައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ހިތަދޫގައި މަސްކަނޑާ ވިއްކުމަށް ކައުންސިލުން ދެ ސަރަޙައްދެއް ކަޑައަޅާފައިވާ ކަމަށެވެ. އެގޮތުން ހިތަދޫގައި މަސް ކަނޑާ ވިއްކުމަށް ކަނޑައަޅާފައިވާ ދެ ސަރަޙައްދަކީ ހިތަދޫ ބަނދަރު ސަރަޙައްދުގައި ހުރި މަސްމާރުކޭޓްގެ އުތުރަށް އޮތް ހުސް ބިމާއި، ހިތަދޫ ކުޑަކުދިންގެ ޕާރކްގެ އިރުމަތީ ފަރާތުގައި ތާރުމަގުން ފެށިގެން ’50 ފޫޓް އެތެރޭގައި އޮތް ހުސް ބިމެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ އެ ދެސަރަޙައްދު ފިޔަވައި ހިތަދޫ އަވަށުގެ އެހެން އާއްމު ސަރަޙައްދު ތަކުގައި މަސްކެނޑުން މިއަދުން ފެށިގެން މަނާކޮށްފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން ދެދުވަހުގެ ތެރޭގައި ހިތަދޫ އަވަށުގެ އެކި ސަރަޙައްދު ތަކުގައި މަސްކަނޑާ ވިއްކުމުގެ މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުން މަތީގައި މިދެންނެވުނު ދެސަރަޙައްދަށް މަސްކަނޑާ ވިއްކުމުގެ މަސައްކަތް ބަދަލުކުރުމަށްވެސް ކައުންސިލުން ވަނީ އަންގައިފަ އެވެ.

އަދި އެ އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު ޢިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 140 ވަނަ މާއްދާ ދަށުން، ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ކައުންސިލުން ކުރި އިޢުލާނުގައި ވެއެވެ.