English Edition
Dhivehi Edition
ބަންގްލަދޭޝްގެ އާ ސަފީރު، ހިޒް އެކްސެލެންސީ ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަން، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވަނީ - ފޮޓޯ: ރައީސް އޮފީސް

ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަން، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ފަތްކޮޅު އެރުއްވުމަށްފަހު ބަންގްލަދޭޝްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ރަޙުމަތްތެރިކަމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްގެ ދެމެދުގައި ސަޤާފީ އަދި ދީނީ ގޮތުން ހުރި އެއްގޮތް ކަންތައްތައް ފާހަގަކުރައްވާ، އެ ކަންކަމާއިމެދު އުފާފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އިޖުތިމާޢީ ރޮނގުންނާއި އިޤްތިޞާދީ ގޮތުން، އަދި ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވި ހާލަތުގައި ބަންގްލަދޭޝް ސަރުކާރުން އެކި ގޮތްގޮތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ، ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. އަދި ހަމައެއާއިއެކު، ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ޤައުމަށް ފޮނުވައިލުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތާއި، އެފަދަ މީހުންނަށް އަމާޒު ކުރައްވައިގެން ހިންގަވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމަށް ބަންގްލަދޭޝްގެ ހައި ކޮމިޝަނާއި ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކަމަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ވެސް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި، ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައިސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ އައު ސަފީރަށް ސަފީރުކަމުގެ މަޤާމުގައި ކާމިޔާބީ ލިބުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ. އަދި ދެ ބޭފުޅުން ވެސް ވަނީ ޚިޔާލު އެއްގޮތް ކަންތައްތަކުގައި ދޭދޭ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.