އައްޑޫސިޓީ ފޭދޫ ބީޗް ވިއްކާލާފައިވާނަމަ އެކަން ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފޭދޫ އެމްޑީޕީގެ އެކްޓިވިސްޓް އައިސީ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ވެސް އަރިސް ބޭފުޅެއްކަމަށްވާ ޢަބްދުﷲ އައިސީ މިމޭރުމުން ވާހަކަ ދެއްކެވީ އައްޑޫސިޓީ ފޭދޫ މަގުއްދޫ ބީޗް އެރަށު ރައްޔިތުން ނިކުމެ ސާފުކޮށް ރީތި ކުރަމުންދާ ދިއުން ހުއްޓާލަން އައްޑޫސިޓީ ކައުންސިލުން އަންގާފައިވާ މި ދަނޑިވަޅު އޭއޯއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އައިސީ ވިދާޅުވީ ބީޗް ސާފު ކުރަމުންދަނީ އޭނާ ނޫން ކަމަށާއި އެއީ މުޅި ފޭދޫގެ ރައްޔިތުން އަމިއްލައަށް އިސް ނަގައިގެން ކުރަމުންދާ މަސައްކަތެއް ކަމަށްވާއިރު އެކަމަށް ހުރަސް އަޅުއްވާ އައްޑޫސިޓީ ކައުންސިލުން ބަޔާނެއް ނެރުއްވުމަކީ ގަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.
އައްޑޫސިޓީގައި ބީޗް ސާފު ކުރުމުގެ ފޯރި ވަރަށް ގަދަވެފައިވާ މި ދަނޑިވަޅު ސިޓީ ކައުންސިލުން ވަނީ އެކަން ހުއްޓާލަން އެދި ބަޔާނެއް ނެރުއްވާފައެވެ. އޭގައިވާ ގޮތުން ފަހަކަށްއައިސް އެއިދާރާގެ ހުއްދަނެތި އައްޑޫސިޓީގެ އަވަށްތަކުގެ ގޮނޑުދޮށްތަކުގައި އަމިއްލަ ފަރާތްތަކުން ބީޗް ހެދުން ފަދަ މަސައްކަތް ކުރަމުންގެންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ހުއްދަ ހޯދުމަކާނުލާ ދައުލަތުގެ ބަންޑާރަ ބިން ބޭނުންކުރުމާއި އެބިންތަކާއި ގުޅިފައިވާ ގޮނޑުދޮށްތަކުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ ތިމާވެއްޓަށް އެކަމުން އަސަރުކުރާނެ އަދި ޤާނުނުގައި ވެސް އެކަން މަނާކޮށްފައިވާ ކަންކަން ކަމަށް ކައުންސިލުން ބުނެފައި ވެއެވެ. އެހެންކަމުން އެފަދަ މަސައްކަތް ކުރަމުން ގެންދާ އެންމެހާ ފަރާތްތަކަށް އެފަދަ މަސައްކަތް ނުކުރުމަށް ކައުންސިލުގެ ބަޔާނުން ވަނީ އަންގައިފައެވެ
މީގެ އިތުރުން ސިޓީ ކައުންސިލްގެ އިޢުލާނުގައި ބުނެފައި ވަނީ ފޭދޫ ހިއްކިބިން ސަރަހައްދަކީ އައްޑޫގެ ކުރިމަގާއި ގުޅިފައިވާ އިޤްތިސާދީ މަސައްކަތްތައް ކުރުމުގެ ގޮތުން ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރަން ކަނޑައަޅައި އެކަމަށް ވަރަށް ގިނަ މަސައްކަތްތައްކެއްކޮށް ފަހުގެ މަރުހަލާގައިވާ ތަނެއް ކަމަށާއި، އެ ސަރަހައްދުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ އެކަމުގެ ސަބަބުން ޕްރޮޖެކްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނޭ ކަމަކަށް ވާތީ އެ ސަރަޙައްދު ބޭނުންކޮށްގެން އެފަދަ މަސައްކަތް ނުކުރުމަށް އަންގާ ކަމަށެވެ.
އަދި ކައުންސިލުން ބުނީ މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 140 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
ސިޓީ ކައުންސިލްގެ މިބަޔާނަށް ރައްދު ދެއްވަމުން އައިސީ ވިދާޅުވީ އޭނާ އެންމެ ކަންބޮޑުވަނީ އޭނާގެ މަންމަ ކުށްވެރިވަނީ ކޮންހިސާބެއްގައި ހުރުމުންކަން ސާފު ނުވާތީކަމަށާއި އެހެންކަމުން ސިޓީ ކައުންސިލްގެ އެ ބަޔާނަކީ ރައްޔިތު އެންމެން ކުށްވެރި ކުރުމުގެ ޢަމަލެއްކަމަށް އައިސީ ސިފަ ކުރެއްވިއެވެ.
” އެނޫސް ބަޔާން ފެނިފަ އަޅުގަނޑު އަޖާއިބް ވެއްޖައިން . ޓުއަރިޒަމްގެ ބޮޑު މާސްޓަރ ޕްލޭނެއް މިތަނުގަ ނިމި އޭގެ ފަހު މަރްޙަލާގައި އޮތިއްޔާ ކުރެހުން ދައްކަވަންވީ ނޫންތޯ؟ ދައްކަވާފަ ރައްޔިތުންގެ ބީޗް ވިއްކާލިގޮތް ކިޔާދޭންވީ ނޫންތޯ.އޭރުން ރައްޔިތުންވެސް ގޮތް ނިންމާނެ. ”
އައިސީ ވިދާޅުވީ ގޭ އެނދު ބިއްދޮށް ވިއްކާލައިފި ކަން މިއަދު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާއި ކުރަމުންދަނީ އެއްވެސް ޙާލެއްގައި ސިޔާސީ މަސައްކަތަކަށް ނުވާއިރު މިކަން އޮޅުން ފިލުވައިދިނުމަކީ ވެރިންގެ ކިބައިން އޭނާ އެދޭ އެދުމެއް ކަމަށެވެ.
ރައީސް ނަޝީދު ތަޢާރަފް ކުރެއްވި ގެސްޓް ހައުސް ވިޔަފާރީގައިވެސް އިސްކޮށް ޙަރަކާތްތެރިވެ އެވިޔަފާރިއަށް ޝައުޤުވެރިވާ ފަރާތްތަކުން އެމަސައްކަތް ފެށުމަށް ބޭނުންވާ މަޢުލޫމާތު ހިމެނޭ ލުއި ފޮތެއްވެސް އައިސީ އަމިއްލަ އަށް ދިރާސާ ކޮށް ނެރުއްވިކަން ފާހަގަ ކުރައްވަމުން އޭނާގެ ތަޖްރިބާއިން ގޮނޑުދޮށުގައި ފާރު ރާނައިގެން ގެސްޓްހައުސް ހިންގުމަކީ ގެއްލުން ބޮޑު ކަމެއްކަން އައިސީ ފާހަގަ ކުރެއްވިއެވެ.
އައްޑޫސިޓީގެ ގޮނޑުދޮށް ސާފު ކުރުން ފުރަތަމަ ފެށިގެން އައީ މަރަދޫ އިން ކަމަށްވެފައި އައިސީ ވިދާޅުވީ އޭރުވެސް ސިޓީ ކައުންސިލުން އެކަމަށް ކުރިމަތި ކުރުވި ހުރަސްތައް އޭނާއަށް ވަރަށް ގާތުން ފެނުނު ކަމަށެވެ.