ކޮވިޑް-19 ކޮންޓްރޯލްނުކުރެވި ފެތުރެމުންދާނަމަ މުޅި ރައްޔިތުންގެ ސަލާމަތާއި ރައްކަލަށްޓަކައި ދެވަނަ ފުރަބަންދަކަށް ދާންޖެހިއްޖެނަމަ އެކަން ވެސް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، މުޅި ގައުމު ބަންދުކުރަން ޖެހިއްޖެ ނަމަ ރައްޔިތުންނަށް އެތަކެއް އުދަނގޫތަކެއް ވާނެ ކަމަށާއި އެހެން ކަމުން ސަރުކާރުން މަސައްކަތް ކުރަނީ ވީވަރަކުން އެކަން ނުކޮށްވޭތޯ ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް19އިން ރައްކާތެރިވުމަށްޓަކައި ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ފުރަބަންދަކަށް ދިއުމަކީ ވަރަށްބޮޑު އުގަދޫ ދަތިކަމެއް ރައްޔިތުން ތަހައްމަލްކުރަންޖެހޭ ކަމެއްކަން މިހާރު ވާނީ ތަޖުރިބާ ކުރެވިފައި. އެނގިވަޑައިގަންނަވާނެ މުޅި ލޮކްޑައުންއަކަށް ދިޔުން އެއީ ވަރަށް ބޮޑު ތަކުލީފްތަކެއް ރައްޔިތުންނަށް ޖެހޭނެ. އެހެންވީ ވީވަރަކުން އަޅުގަނޑުމެން މި ބަލަނީ މިކަމުން ސަލާމަތްވޭތޯ” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެ.ޗް.ޕީ.އޭ) އިން ދެމުންގެންދާ އިރުޝާދުތަކަށް ބޯލެނބުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ. އަދި، އެޗް.ޕީ.އޭ.ގެ އެންގުންތަކާއި ޚިލާފަށް މި ހާލަތުގައި ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް ވެސް އެ މަނިކުފާނު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުން އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާކަމަށް ސިއްޚީ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ރާއްޖޭގައި ކޮވިޑް-19ގެ ޙާލަތު ކޮންޓްރޯލްނުވެ އިތުރަށް ގޯސްވަމުންދާނަމަ ދެވަނަ ފުރަބަންދަކަށް ދާންޖެހިދާނެކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީންވެސް ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް 19 އަށް ޖުމްލަ 7،469 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވިއިރު، 4،873 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލީގައި މަރުވި މީހުންގެ އަދަދަކީ، 28 އެވެ. އަދިވެސް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 2،568 އެވެ. އޭގެ ތެެރެއިން 192 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައެވެ.