English Edition
Dhivehi Edition
2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ސްޕެއިނާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

ޕޯޗުގަލްގެ ގައުމީ ޓީމާއެކު އަންނަ އޮކްޓޫބަރު މަހުގައި އެކުވެރިކަމުގެ މެޗެއް ކުޅެން ސްޕެއިންގެ ޓީމުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ފުޓްބޯޅައިގައި މައި އިދާރާއިން ހާމަކޮށްފިއެވެ.

އެގޮތުން، ޕޯޗުގަލްއާ ސްޕެއިން ބައްދަލުކުރާ މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ މެޗުތައް ބޭއްވުނު ލިޒްބަންގެ އެސްޓާޑިއޯ ހޯސޭ އަލްވަލާޑޭގައި އަންނަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގައި ކަމަށްވެސް ސްޕެއިނުގެ ގައުމީ ޓީމުގެ ރަސްމީ ޓުވިޓާ އެކައުންޓު މެދުވެރިކޮށް ކުރި ޕޯސްޓެއްގައިވެއެވެ.

ފުޓްބޯޅައިގައި ވާދަވެރިކަން ބޮޑު އަވައްޓެރި މި ދެ ގައުމުގެ މިހާތަނަށް 36 ފަހަރު ބައްދަލުކޮށްފައިވާއިރު، ސްޕެއިނުން ހަ ފަހަރު މޮޅުވެފައިވާއިރު، 17 މެޗުން ވަނީ ބަލިވެފައެވެ. އަދި 13 މެޗު ނިމިގެންގޮސްފައިވަނީ ދެ ޓީމު އެއްވަރުވެގެންނެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައެވެ. އެ މެޗު ނިމުނީ ދެ ޓީމު 3-3 އިން އެއްވަރުވެގެންނެވެ.

ސްޕެއިނުގެ އިތުރުން ޕޯޗުގަލް އަށް ދެން އޮތީ އަންނަ މަހު ފަށާ ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކެވެ. ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސްޕެއިނުން އެ މުބާރާތުގައި އަންނަ ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހު ރަށުން ބޭރުގައި ޖަރުމަނާ ދެކޮޅަށް ނިކުންނައިރު، އޭގެ ތިން ދުވަސް ފަހުން އަމިއްލަ ދަނޑުގައި ނިކުންނާނީ ޔޫކްރޭނާ ދެކޮޅަށެވެ.

އެންމެ ފަހުގެ ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދީ ޕޯޗުގަލް އަށް އޮތީ ކްރޮއޭޝިއާގެ އިތުރުން ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗެވެ.