English Edition
Dhivehi Edition
ބަޔާން މިއުނިކްގެ ކުޅުންތެރިން ޗެމްޕިއަންސް ލީގުގެ ތައްޓާއެކު. --ފޮޓޯ: ޓުވިޓާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ފްރާންސްގެ ޕީއެސްޖީ 1-0 އިން ބަލިކޮށް ޖަރުމަނުގެ ބަޔާން މިއުނިކުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ ބަޔާނުން އެ މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރެވެ. މިއާއެކު އެ ޓީމު ވަނީ 13 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑާއި، ހަތް ފަހަރު ތަށި އުފުލާލި އިޓަލީގެ އޭސީ މިލާނަށްފަހު ދެން އެންމެ ގިނަ ފަހަރު މި މުބާރާތް ކާމިޔާބުކުރި ޓީމުގެ ޝަރަފު ހޯދާފައެވެ. ބަޔާންގެ އިތުރުން ޗެމްޕިއަންސް ލީގު ހަ ފަހަރު ކާމިޔާބުކޮށްފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލެވެ.

މީގެއިތުރުން، ރޭގެ މެޗު ކާމިޔާބުކޮށް އުފުލާލި ތައްޓާއެކު ބަޔާނުން ވަނީ މި ފަހަރުގެ ސީޒަނުގައި ‘ޓްރެބަލް’ ހާސިލްކޮށްފައެވެ. އެއީ އެންމެފަހުގެ ޖަރުމަން ބުންޑެސްލީގާގެ އިތުރުން ޖަރުމަން ކަޕް ކާމިޔާބުކޮށްގެންނެވެ. މީގެކުރީން، 2013 ވަނަ އަހަރު ވެސް އެ ޓީމު ވަނީ ‘ޓްރެބަލް’ ހާސިލްކޮށްފައެވެ. އަދި ރޭގެ މެޗާއެކު އެ ޓީމު ވަނީ މި ފަހަރުގެ މުބާރާތުގައި ކުޅުނު 11 މެޗު ކާމިޔާބުކޮށް، ހުރިހާ މެޗަކުން މޮޅުވެ ތަށި އުފުލާލި ހަމައެކަނި ޓީމުގެ ޝަރަފުވެސް ހޯދާފައެވެ.

ބަޔާންގެ އިތުރުން ޕީއެސްޖީ ވެސް ރޭގެ މެޗަށް ނިކުތީ އެންމެ ފަހުން ސެމީ ފައިނަލްގައި ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ބަޔާނުން ވަނީ އޮލިމްޕިކް ލިޔޯންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކްރޮއޭޝިއާގެ އިވާން ޕެރިސިޗްގެ ބަދަލުގައި ފްރާންސްގެ ހަލުވި ވިންގާ ކިންގްސްލީ ކޯމަން ހިމަނާފައެވެ. ޕީއެސްޖީން ގެނެސްފައިވާ ބަދަލަކީ ސެމީގައި އެ ޓީމުގެ ގޯލް ބެލެހެއްޓި ސާޖިއޯ ރިކޯގެ ބަދަލުގައި ކުއާޓާ ފައިނަލްގައި އެޓަލާންޓާ އަތުން ފަހުވަގުތު މޮޅުވި މެޗުގައި އަނިޔާވި ކޭލޯ ނަވާސް އަލުން ޓީމުގައި ހިމަނާފައިވުމެވެ.

ބަޔާން މިއުނިކާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ރޮއިޓާސް

ލިޒްބަންގެ އެސްޓާޑިއޯ ޑަ ލުޒްގައި ރޭ ކުޅުނު މެޗު ފެށިގެން ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ބަޔާންގެ ގޯލްކީޕަރު މެނުއެލް ނޯޔާ މަތަކުރިއިރު، އޭގެފަހުން ބަޔާންގެ ޕޯލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަށް ލަނޑުޖެހުމަށް ލިބުނު ދެ ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. މެޗުގެ 22 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާތެރޭގައި ހުރެ ލެވަންޑޯސްކީ ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވިއިރު، އޭގެފަހުން މެޗުގެ 31 ވަނަ މިނެޓުގައި ލެވަންޑޯސްކީ ބޮލުން ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް މަތަކުރިއެވެ. އަދި އޭގެފަހުން، ފުރަތަމަ ހާފު ނިމެން ދަނިކޮށް ބަޔާންގެ ޑޭވިޑް އަލަބާ އަށް ހެދުނު ގޯހަކުން ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ އަށް ލިބުނު ބޯޅައަކުން ފޮނުވާލި ހަމަލާ ނޯޔާ މަތަކުރިއެވެ.

ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލް، ދެވަނަ ހާފުގެ ކުޅުން ފެށިތާ 14 ވަރަކަށް މިނެޓުގެ ތެރޭގައި ބަޔާން އަށް ކާމިޔާބުކޮށްދިނީ ޕީއެސްޖީގެ އެކަޑެމީން ތައާރަފްވި ކޯމަން އެވެ. މިއީ އެ ޓީމުގެ ޖޯޝުއާ ކިމިޗް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ކޯމަން ހުހަށްހުރެ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. އޭގެ ތިން މިނެޓުފަހުން، އެ ޓީމުގެ ލީޑް އިތުރަށް ފުޅާކުރުމަށް ކޯމަން އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ބްރެޒިލްގެ ޑިފެންޑަރު މާކީނޯސް އާއި ނޭމާގެ އިތުރުން ފަހު ހާފުގައި ކުޅެން ނިކުތް އެރިކް މެކްސިމް ޗޫޕޯ-މޯޓިން އަށް ލިބުނު ފުރުޞަތުތަކުގައިވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

ރޭގެ މެޗުން ޕީއެސްޖީ ބަލިވުމާއެކު 1993 ވަނަ އަހަރުގެ މުބާރާތް ފްރާންސްގެ އޮލިމްޕިކް މާސޭ އިން ކާމިޔާބުކުރި ފަހުން އެ ގައުމުގެ ކްލަބަކަށް ޔޫރަޕްގެ ތައްޓެއް ހޯދުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ.