English Edition
Dhivehi Edition
ހޮންކޮންގުގެ ސްކޫލެއްގައި ކިޔަވާ ކުދިންތަކެއް. --ފޮޓޯ: އޭއެފްޕީ

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމުގެ ގޮތުން ބޮޑެތި މީހުންނެކޭ އެއްފަދައިން އުމުރުން 12 އަހަރުން މަތީގެ ކުދިން ވެސް ކޮންމެހެން މާސްކް އަޅަންޖެހޭނެކަމަށާއި، އުމުރުން 6 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދީންވެސް ރިސްކް އޮތް މިންވަރަކުން އެގޮތަށް އަމަލުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

އެގޮތުން، އުމުރުން 12 އަހަރުން މަތީގެ ކުދީން މާސްކް އަޅަންޖެހެނީ ބަލީގެ ނުރައްކާ ބޮޑު ސަރަހައްދުތަކުގައި އެހެން މީހުންނާ ދެމެދު 1 މީޓަރުގެ ދުރުމިނަކަށް ގައިދުރުކަން ނުބެހެއްޓޭ ފަދަ ހާލަތްތަކުގައި ކަމަށް ވެސް ޑަބްލިއުއެޗްއޯ އާއި ޔުނިސެފް އިން މި މަހުގެ 21 ވަނަ ދުވަހު ނެރުނު ކަރުދާހުގައިވެއެވެ.

އަދި އުމުރުން 6 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދީން ކޮންމެހެން މާސްކް އަޅަންޖެހެނީ ބަލީގެ ނުރައްކާ ވަރަށް ބޮޑުތަން އިތުރުވަމުން އަންނަ ސަރަހައްދުތަކުގައި ދިރިއުޅޭކަމަށްވާނަމަ ކަމަށާއި، އަދި އެ ކުއްޖަކަށް މާސްކް ބޭނުންކުރަން އެނގުމުގެ އިތުރުން ފަސޭހައިން ލިބެން ހުރުމާއެކު ބޮޑު މީހެއްގެ ބެލުމުގެ ދަށުން ކަމަށް ވެސް މި ދެ ޖަމްއިއްޔާއިން ބުނެއެވެ.

މީގެއިތުރުން، އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިން އަމިއްލަ އަށް ބޭނުންވެގެން ރައްކާތެރިކަމުގެ ގޮތުން މާސްކް އަޅަންނުޖެހޭ ކަމަށް ވެސް ޑަބްލިއުއެޗްއޯ އާއި ޔުނިސެފުން ބުންޏެވެ.

ކޮރޯނާވައިރަހުގައި މިހާތަނަށް މުޅި ދުނިޔޭން 8 ލައްކައަށްވުރެ ގިނަ މީހުން މަރުވެ، 23.4 މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ބަލިން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދަކީ 15,988,530 އެވެ. މިހާރު މި ބަލީގެ ނުރައްކާ އެންމެ ބޮޑަށް އިތުރުވެފައިވަނީ އެމެރިކާ އާއި ބްރެޒިލް އަދި އިންޑިއާގައެވެ.