English Edition
Dhivehi Edition
ސެވިއްޔާގެ ކުޅުންތެރިން ޔުރޮޕާ ލީގުގެ ތައްޓާއެކު. --ފޮޓޯ: ޓުވިޓާ

ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލްގައި އިޓަލީގެ އިންޓަ މިލާނު އަތުން 3-2 އިން މޮޅުވެ، ސްޕެއިނުގެ ސެވިއްޔާ އިން ރެކޯޑް ހަވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބުކޮށްފިއެވެ.

މީގެކުރީން، ސެވިއްޔާ އިން 2006، 2007، އަދި 2014، 2015، 2016 ވަނަ އަހަރުގެ މުބާރާތް ވެސް ވަނީ ކާމިޔާބުކޮށްފައެވެ.

ރޭގެ މޮޅާއެކު އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓެގީ ވަނީ ކެރިއަރުގައި ހޯދި ފުރަތަމަ ތައްޓާއެކު ސްޕެއިނުގެ ގައުމީ ޓީމުގެ އިތުރުން ޔޫރަޕުގެ ކްލަބު ފުޓްބޯޅައިގެ ގަދަބާރު ކަމަށްވާ ރެއާލް މެޑްރިޑާއެކު ކުރިމަތިލާންޖެހުނު ހިތްދަތިކަން ފިލުވާލައިފައެވެ.

ޖަރުމަނުގެ ކޮލޯންގައި ރޭ ކުޅުނު މެޗަށް އިންޓަ މިލާނުން ނިކުތްއިރު، އެންމެ ފަހުން މި މުބާރާތުގެ ސެމީ ފައިނަލްގައި ޔުކްރޭންގެ ޝަހުތަރު ޑޮނެސްކް އަތުން 5-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ބަދަލެއް ގެނެސްފައެއްނުވެއެވެ.

ނަމަވެސް، ސެވިއްޔާ އިން ރޭގެ މެޗަށް ނިކުތީ ސެމީގައި އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު މޮރޮކޯގެ ފޯވާޑް ޔޫސުފް އެން-ނެސީރީގެ ބަދަލުގައި އެ މެޗުގެ ފަހު ހާފުގައި ކުޅެން ނިކުމެއް ލަނޑުޖަހައިިދިން ނެދަލޭންޑްސްގެ ފޯވާޑް ލޫކް ޑި ޔޯން އަށް ފުރުޞަތު ދީގެންނެވެ.

އިންޓަ މިލާނާ ދެކޮޅަށް ސެވިއްޔާ ކުޅުނު މެޗުގެ ތެރެއިން . –ފޮޓޯ: ޓުވިޓާ

ކޮލޯންގެ ރެއިން އެނާޖީ ސްޓޭޑިއޯންގައި ކުޅުނު މި މެޗުގެ ކުރީކޮޅު، ސެވިއްޔާ އިން އެންމެ ފަހުން ކުޅުނު މެޗެކޭ އެއްފަދައިން އިދިކޮޅު ޓީމުން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާތެރެއިން އިންޓަގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އަށް ސެވިއްޔާގެ ޑިއެގޯ ކާލޯސް ކުރި ފައުލަކަށް ދިން ޕެނަލްޓީ ކާމިޔާބުކުރީ ވެސް ލުކާކޫ އެވެ. މި ގޯލާއެކު ލުކާކޫ ވަނީ 1997/98 ވަނަ އަހަރުގެ ސީޒަނުގައި ބްރެޒިލްގެ ރޮނާލްޑޯ އިންޓަ އަށް ބަދަލުވެ 34 ލަނޑުޖަހައިދިން ފަހުން އެ އަދަދަށް އެ ޓީމަށް ފުރަތަމަ ސީޒަނުގައި ލަނޑުޖެހި ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

އިންޓަ އިން ލީޑްނެގިތާ 8 މިނެޓުފަހުން، ސެވިއްޔާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ސެވިއްޔާގެ ކަނާތް ފަޅިން ކެޕްޓަން ޖެސޫސް ނަވާސް ނަގައިދިން ހުރަހަކުން ލިބުނު މި ބޯޅަ ބޮލުން ފޮނުވާލައިގެން މިލަނޑު ކާމިޔާބުކޮށްދިނީ ޑި ޔޯން އެވެ. އަދި އޭގެފަހުން، މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު އެވާ ބަނޭގާ ހިލޭޖެހުމަކުން ނަގައިދިން ބޯޅަ ބޮލުން ފޮނުވާލައިގެން ޑި ޔޯން ވަނީ ސެވިއްޔާ އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ.

އޭގެ ދެ މިނެޓުފަހުން، އިންޓަ އަށް އެއްވަރުކޮށްދިނީ އުރުގުއޭގެ ޑިފެންޑަރު ޑިއެގޯ ގޮޑިން އެވެ. މިއީ އެ ޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ނަގައިދިން ހިލޭޖެހުމަކުން ލިބުނު ބޯޅަ ގޮޑިން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ރޭގެ މެޗުން ސެވިއްޔާ މޮޅުވި ލަނޑު، ފަހު ހާފުގެ ކުޅުން ނިމެން 16 މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ބަނޭގާ ނަގައިދިން ހިލޭޖެހުމަކުން ލިބުނު ބޯޅަ ކާލޯސް އޯވަހެޑް ކިކަކުން ފޮނުވާލި ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި ލުކާކޫ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.