English Edition
Dhivehi Edition
ރޭގެ މެޗުގައި އޮލިމްޕިކް ލިޔޯން ކޮޅަށް ލަނޑުޖެހުމަށްފަހު ބަޔާން މިއުނިކްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވީޓާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރޭ ފްރާންސްގެ އޮލިމްޕިކް ލިޔޯން 3-0 އިން ބަލިކޮށް ޖަރުމަނުގެ ބަޔާން މިއުނިކުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭގެ މެޗަކީ ޔޫރަޕްގެ މުބާރާތެއްގައި މި ދެ ޓީމު މިހާތަނަށް ބައްދަލުކުރި ނުވަވަނަ ފަހަރެވެ. މީގެކުރީން، ކުޅުނު 8 މެޗުގެ ތެރެއިން ބަޔާނުން ހަތަރު ފަހަރު މޮޅުވެފައިވާއިރު، ލިޔޯނުން މޮޅުވީ ދެ ފަހަރެވެ. އަނެއް ދެ މެޗު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ.

މިއީ ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ބަޔާނުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި 11 ވަނަ ފަހަރެވެ. މިއާއެކު އެ ޓީމު ވަނީ ދެވަނަ އަށް އެންމެ ގިނަ ފައިނަލް ކުޅެފައިވާ އޭސީ މިލާނުގެ އަދަދާ އެއްވަރުކޮށްފައެވެ. މި މުބާރާތުގެ ފައިނަލްގައި މިހާތަނަށް އެންމެ ގިނަ ފަހަރު ކުޅުމުގެ ރެކޯޑް އޮތީ 16 ފައިނަލް ކުޅެ، 13 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ސްޕެއިނުގެ ރެއާލް މެޑްރިޑް އަތުގައެވެ.

ލިޒްބަންގެ އެސްޓާޑިއޯ ހޯސޭ އަލްވަލާޑޭގައި ރޭ ކުޅުނު މި މެޗުގައި ބަޔާނުން ޖެހި ފުރަތަމަ ލަނޑު، 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ވިންގާ ސާޖް ނެބްރީ އެވެ. މިއީ އެ ޓީމުގެ ޖޯޝުއާ ކިމިޗް ތަނަވަސްކުރި ފުރުޞަތަކުން ނެބްރީ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 33 ވަނަ މިނެޓުގައި ނެބްރީ ވަނީ އިތުރު ލަނޑެއްޖަހައި، ބަޔާނަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. މިއީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ނުވަނަ ގޯލެވެ. ނެބްރީ ވަނީ މި މުބާރާތުގައި އެންމެ ފަހުން ކުޅުނު 8 މެޗުގައި 8 ލަނޑުޖަހާފައެވެ.

ރޭގެ މެޗުގައި ލިޔޯންގެ ކާލް ޓޯކޯ އެކާމްބީ އަށް ވަނީ އެ ޓީމަށް ލަނޑުޖަހައިދިނުމަށް ރަނގަޅު ދެ ތިން ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެގޮތުން، ބަޔާނުން ލީޑްނެގުމުގެ ކުރީން ޓޯކޯ އެކާމްބީ ފޮނުވާލި މި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. އޭގެފަހުން، ދެވަނަ ހާފުގެ ކުރީކޮޅު ނަތީޖާ އެއްވަރުކުރުމަށް ޓޯކޯ އެކާމްބީ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާ ބަޔާންގެ ކީޕަރު މެނުއެލް ނޯޔާ މަތަކުރިއިރު، ޓޯކޯ އެކާމްބީ އެ ބޯޅަ ދެވަނަ ފަހަރަށް ފޮނުވާލުމުގެ ކުރީން ވެސް ނޯޔާ ވަނީ ސަލާމަތްކޮށްފައެވެ.

ބަޔާނުން ރޭގެ މެޗުގައި ޖެހި ފަހު ލަނޑު، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޕޯލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީވެސް ކިމިޗް އެވެ. މި ގޯލާއެކު ލެވަންޑޯސްކީ ވަނީ މި މުބާރާތުގައި 15 ލަނޑުޖަހާފައެވެ. އަދި މި ސީޒަނުގައި ބަޔާނަށް ކުޅުނު 46 މެޗުގައި 55 ގޯލް ހަމަކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގެ ފައިނަލްގައި އަންނަ އާދީއްތަ ދުވަހުގެރޭ ބަޔާންއާ ދެކޮޅަށް ނިކުންނާނީ މުޅިން އަލަށް ފައިނަލުން ޖާގަ ހޯދި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއެވެ.