English Edition
Dhivehi Edition
ބާސެލޯނާގެ ކޯޗުގެ މަގާމަށް ގެނައި ރޮނާލްޑް ކޫމަން (ކ) އާއެކު އެ ޓީމުގެ ރައީސް ޖޯސިޕް ބާޓޮމެއު (ވ) ފޮޓޯއަކަށް ހުއްޓިގެން . --ފޮޓޯ: ފޯބްސް

ބާސެލޯނާގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް އެ ޓީމުގެ ކުރީގެ ތަރި އަދި ނެދަލެންޑްސްގެ ކޯޗު ރޮނަލްޑް ކޫމަން ހަމަޖައްސައިފިއެވެ.

އުމުރުން 57 އަހަރުގެ ކޫމަން، އޭނާގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ބާސެލޯނާގެ ކޯޗުގެ މަގާމަށް ހަމަޖެއްސީ، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ލަދުވެތިގޮތަކަށް ބަޔާން މިއުނިކް އަތުން 8-2 އިން އެ ޓީމު ބަލިވި މެޗަށްފަހު އޭރުގެ ކޯޗު ކީކޭ ސެޓިއެން މަގާމުން ދުރުކުރުމުންނެވެ.

ބާސެލޯނާ އާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކޫމަން ސޮއިކޮށްފައިވާއިރު، ދެވަނަ އަހަރު އޭނާގެ މަގާމު ޔަގީންވާނީ ބާސެލޯނާގެ މިހާރުގެ ރައީސް ޖޯސެފް ބާޓޮމެއު އަށް އަންނަ އަހަރު އޮތް އެ ކްލަބުގެ އިންތިހާބުގައި ކާމިޔާބު ލިބިއްޖެނަމަ އެވެ.

މީގެކުރީން، ކޫމަން ވަނީ ސްޕެއިނުގެ ވެލެންސިއާ އާއި އިނގިރޭސި ކްލަބުތައް ކަމަށްވާ ސައުތެމްޓަނާއި އެވަޓަންގެ އިތުރުން އަމިއްލަ ގައުމަށް ނިސްބަތްވާ އަޔެކްސް އެމްސްޓެޑަމް އާއި ޕީއެސްވީ އެއިންދޯވަން އަދި ފެޔުނޫޑަށް ވެސް ކޯޗުކޮށްދީފައެވެ. އަދި އޭނާ ވަނީ ބާސެލޯނާގައި އެސިސްޓެންޓް ކޯޗުގެ މަގާމުވެސް އަދާކޮށްފައެވެ.

މީގެއިތުރުން، ބާސެލޯނާ އިން ކުރީގެ ކޯޗު އާނެސްޓޯ ވަލްވާޑޭ އޭރު ވަކިކުރުމަށްފަހު ދެން ހަވާލުވި ސެޓިއެން އެ މަގާމަށް އައްޔަންކުރުމުގެ ކުރީން ވެސް ކޫމަންއާ ވަނީ ވާހަކަދައްކާފައެވެ. އެކަމަކު، އޭރުގެ ހާލަތު އޮތް ގޮތުން ސީޒަނުގެ މެދުތެރެއިން ބާސެލޯނާ އަށް އަންނަ ބޭނުންނުވިއިރު، ކުރީން މި އަހަރު ބާއްވަން އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހުގައި ނޫނީ ނެދަލޭންޑްސްގެ ކޯޗުގެ މަގާމުން ވަކިނުވުމަށް ނިންމާފައިވާތީވެއެވެ.

އެކަމަކު، މި ފަހަރު ބާސެލޯނާގެ ހުށަހެޅުން ލިބުމާއެކު، ނެދަލޭންޑްސްގެ ކޯޗުގެ މަގާމު ދޫކޮށްލުމަށްފަހު ކޫމަން ނިންމީ އެ ފުރުޞަތުގެ ބޭނުންހިފާށެވެ. މި ނިންމުމާ ބެހޭގޮތުން ކޫމަން ބުނީ ބާސެލޯނާގެ ކޯޗުގެ މަގާމަށް އައުމަކީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެއްކަން އެންމެންނަށްވެސް އެނގޭނެ ކަމަށާއި، މިއީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ. އަދި ކޫމަން ވަނީ އޭނާގެ ކުރީގެ ޓީމު ނެދަލޭންޑްސް އަށް އިރުޝާދުދިނުމުގެ ފުރުޞަތު ލިބުމަކީ ޝަރަފެއް ކަމަށް ބުނެފައެވެ.

ކޫމަންގެ ކޯޗިން ކެރިއަރުގައި ފާހަގަކޮށްލެވޭ މާގިނަ ކާމިޔާބީތަކެއް ހޯދިފައިނުވީނަމަވެސް އޭނާ ވަނީ ވެލެންސިއާ އާއެކު 2007/08 ވަނަ އަހަރުގެ ކޮޕާ ޑެލް ރޭ ކާމިޔާބުކޮށް، ތިން ފަހަރެއްގެ މަތީން ޑަޗް ލީގު ހޯދާފައެވެ. އެކަމަކު، ކުޅުންތެރިއެއްގެ ގޮތުގައި 1989 އިން 1995 އަށް ބާސެލޯނާ އާއެކު ހަތަރު ފަހަރު ލީގު ކާމިޔާބުކޮށްފައިވާއިރު، ޗެމްޕިއަންސް ލީގު ވެސް އެއްފަހަރު ވަނީ ހޯދާފައެވެ.