English Edition
Dhivehi Edition
ރޭގެ މެޗަށްފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ރޭ ޖަރުމަނުގެ އާރްބީ ލީޕްޒިގު އަތުން 3-0 އިން މޮޅުވެ، ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބެންފީކާގެ އެސްޓާޑިއޯ ޑަ ލުޒްގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެލަނޑުޖެހުމަށް އެހީތެރިވެދިނީ އާޖެންޓީނާގެ ހުނަރުވެރި ވިންގާ އެންހެލް ޑި މާރިއާ އެވެ. މީގެއިތުރުން، އޭނާ ވަނީ މި މެޗުގައި އެ ޓީމަށް ލަނޑެއްވެސް ޖަހައިދީފައެވެ.

ރޭގެ މެޗަށް ޕީއެސްޖީން ނިކުތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުއާޓާ ފައިނަލްގައި އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގެ ދެވަނަ ހާފުގައި އަނިޔާވެގެން ބަދަލުކުރި އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު ކޭލޯ ނަވާސްގެ ބަދަލުގައި ސްޕެއިނުގެ ސާޖިއޯ ރިކޯ އަށް ފުރުޞަތުދީފައިވާއިރު، ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ޑި މާރިއާގެ އިތުރުން އަނިޔާއަށްފަހު ދާދިފަހުން ކުޅުމަށް އެނބުރިއައި ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ ވަނީ ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލީޕްޒިގުން ރޭގެ މެޗަށް ނިކުތްއިރު، އެންމެފަހުން މި މުބާރާތުގެ ކުއާޓާގައި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ގެނެސްފައިވަނީ އެންމެ ބަދަލެކެވެ. އެ މެޗުގައި އަނިޔާވި މާސެލް ހާލްސްޓެންބާގްގެ ބަދަލުގައި ރޭގެ މެޗުން ފުރުޞަތު ދީފައިވަނީ ނޯޑީ މުކިއޭލޭ އަށެވެ.

އާރްބީ ލީޕްޒިގާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޕީއެސްޖީ ޓުވިޓާ

ޕީއެސްޖީން ރޭގެ މެޗުގައި ޖެހި ފުރަތަމަ ލަނޑު، ކުޅުން ފެށިގެން 13 ވަރަކަށް މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބްރެޒިލްފެ ޑިފެންޑަރު މާކީނޯސް އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު ޑި މާރިއާ ނަގައިދިން ހިލޭޖެހުމަކުން ޕެނަލްޓީ އޭރިޔާތެރެއިން މާކީނޯސް ބޮލުން ކާމިޔާބުކުރި ގޯލެކެވެ. އަދި މިއީ ޕީއެސްޖީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.

އޭގެފަހުން، މި މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ބްރެޒިލްގެ ތަރި ނޭމާ ތަނަވަސްކުރި ފުރުޞަތަކުން ޑި މާރިއާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ލީޕްޒިގުގެ ގޯލްކީޕަރު ޕީޓާ ގުލާޗީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޕީއެސްޖީގެ ކުޅުންތެރިން އުފެއްދި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި މި މެޗުގައި ޕީއެސްޖީން ޖެހި ފަހު ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުލްބެކް ހުއާން ބާނާޓް އެވެ. މި ލަނޑުޖެހުމަށް އެހީތެދިވެދިނީވެސް ޑި މާރިއާ އެވެ.

މީގެއިތުރުން، ކުއާޓާ ފައިނަލްގައި އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗެކޭ އެއްފަދައިން ރޭގެ މެޗުގައިވެސް ޕީއެސްޖީގެ ނޭމާ އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ. އެހެންނަމަވެސް، މި ފަހަރުގެ ސީޒަނުގައި އެ ޓީމުން މިހާތަނަށް ޑޮމެސްޓިކް ތިން ތަށި ކާމިޔާބުކުރިއިރު ނޭމާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ރޭގެ ނަތީޖާއާއެކު ޕީއެސްޖީން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު، އަންނަ އާދީއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި އެ ޓީމު ނިކުންނާނީ ސެމީގެ ދެވަނަ މެޗުގައި މިރޭ ޖަރުމަނުގެ ބަޔާން މިއުނިކާއި ފްރާންސްގެ އޮލިމްޕިކް ލިޔޯން ކުޅެ މޮޅުވާ ޓީމާކާ ދެކޮޅަށެވެ.