އަންހެނުންނާއި ކުޑަކުދިންނާ މެދު ހިންގާ ކުށްތަކާއި ކުޑަކުދިން ކުރާ ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުންނާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ޔުނިސެފް މޯލްޑިވްސް އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
އިއްޔެ ބޭއްވި އެ ބައްދަލުކުރެއްވުމުގައި އަންހެނުންނާއި ކުޑަކުދިންނާމެދު ހިންގާ އެކި ކުށްތަކާއި ކުޑަކުދިިން ކުރާ ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވައި، ކުރިއަށް އޮތްތަނުގައި އެފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުންނާއި ޔުނިސެފް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ޗައިލްޑް ޕްރޮޓެކްޝަން ސިސްޓަމްގައި ހުރި ގޮންޖެހުންތަކާއި އެގޮންޖެހުންތައް ހައްލުކޮށް، ޗައިލްޑް ޕްރޮޓެކްޝަން ސިސްޓަމް މިހާރަށްވުރެ ހަރުދަނާކުރުމަށާއި ދެފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު އާއި ޔުނިސެފް މޯލްޑިވްސްގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. މުޙައްމަދު އަލް މުނީރު ސަފީލްދީން އާއި ޔުނިސެފް މޯލްޑިވްސްގެ ޕްރޮގްރާމް ސްޕެޝަލިސްޓް މުހައްމަދު ނައީމް ބައިވެރިވެލެއްވިއެވެ.