English Edition
Dhivehi Edition
ބޮރޫޝިއާ ޑޯޓްމަންޑްގެ ކޯޗު ލޫޗިއެން ފަވްރޭ (ކ) އާއި އެ ޓީމުގެ އިނގިރޭސި ވިންގާ ޖޭޑަން ސަންޗޯ (ވ). ފަވްރޭ ބުނީ އަންނަ ސީޒަނުގައިވެސް ޑޯޓްމަންޑްގައި ސަންޗޯ މަޑުކުރުވާން ބޭނުންކަމަށް. --ފޮޓޯ: ގެޓީ އިމޭޖަސް

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިނގިރޭސި ވިންގާ ޖޭޑަން ސަންޗޯ އަންނަ ސީޒަނުގައިވެސް މަޑުކުރުވުމަކީ މުހިއްމުކަމެއް ކަމަށް އެ ޓީމުގެ ކޯޗު ލޫޗިއެން ފަވްރޭ ބުނެފިއެވެ.

“ސަންޗޯ ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް،”

“އޭނާގެ ފަރާތުން ޓީމަށް ނުހަނު ފައިދާކުރޭ، އެ ފެންވަރުގެ ކުޅުންތެރިއަކު ޓީމުގައި މަޑުކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް.” ފަވްރޭ ބުންޏެވެ.

އެންމެފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑުން ކުރިއަށް އޮތް ސީޒަނަށް ގެންދިއުމަށް އެންމެ ބޭނުންވާ ކުޅުންތެރިޔާ އަކީ ސަންޗޯ އަށްވާއިރު، މިހާތަނަށް އައިއިރު މި ޓްރާންސްފާ ޑީލް ކޮޅެއްގައި ނުޖެހި އުޅެނީ ޑޯޓްމަންޑުން އޭނާ ވިއްކާލަން ކިޔާ އަގު ދެއްކުމުގައި ދެ ޓީމަށް އެއްބަސްވުމަކަށް ނާދެވިގެންނެވެ.

މީގެ ތިން އަހަރު ކުރީން މެންޗެސްޓާ ސިޓީން 10 މިލިއަން ޕައުންޑަށް ގަތް ސަންޗޯ ވިއްކާލަން ޑޯޓްމަންޑުން ބޭނުންވަނީ މަދުވެގެން 100 މިލިއަން ޕައުންޑަށެވެ. އަދި މި ޓްރާންސްފާ ފީގެ ތެރެއިން ބޮޑު އަދަދެއް އެ ޓީމުން ބޭނުންވާއިރު، ޔުނައިޓެޑުން މިކަމަށް އެއްބަހެއް ނުވިއެވެ.

މީގެއިތުރުން، ދާދިފަހުން ޑޯޓްމަންޑްގެ ސީއީއޯ ހަންސް ޔަކީމް ވަޓްޒްކޭ އާއި ސްޕޯޓިންގ ޑިރެކްޓަރު މައިކަލް ޒޯކް ވަނީ އަންނަ ސީޒަނުގައި ވެސް ސަންޗޯ އެ ކްލަބުގައި މަޑުކުރާނެކަމަށް ބުނެފައެވެ. އަދި އޭނާ އަކީ އަދިވެސް އެ ޓީމުގެ ރޭވުންތަކުގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް ވެސް ޒޯކް ބުންޏެވެ.

މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އުމުރުން 20 އަހަރުގެ ސަންޗޯ ވަނީ ނިމިދިޔަ ސީޒަނުގައި ޑޯޓްމަންޑަށް ކުޅެދިން 44 މެޗުގައި 20 ލަނޑުޖަހައި، އިތުރު 20 ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ.