English Edition
Dhivehi Edition

ހޫނުގަދަ ދުސްވަތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. އެއަށްފަހު ވިއްސާރަ މޫސުން ލައިގެންފިއެވެ. އާންމު އުސޫލުން ބަލާކަމަށްވާނަމަ ކޮންމެ އަހަރެއްގައިވެސް މިދުވަސްވަރަކީ ރާއްޖެގައި ޑެންގީހުން ފެތުރޭ ދުވަސްވަރެކެވެ. އެހެންވީމާ އެންމެންވެސް މިކަމަށް ސަމާލުވާން އެބަޖެހެއެވެ. ޑެންގީ ހުމަކީ ވައިރަސްއެއްގެ ސަބަބުން ފެތުރޭ ހުމެކެވެ. މިބަލި އެންމެ އާންމުވަނީ ހޫނު ގައުމު ތަކުގައެވެ.މިބަލި ފެތުރެނީ އީޑީޒް މަދިރީގެ ސަބަބުންނެވެ. އެއީ ކުލަ ކަޅު، ހަށިގަނޑާއި ފައިގައި ހުދު ތުކިތަކެއް ޖަހާފައިވާ، ބޮލުގައި ހުދު ދެރޮނގު ހުންނަ މަދިރިއެކެވެ. މި މަދިރި އާލާވަނީ ސާފު ފެނުގައެވެ. މި މަދިރި އާންމުކޮށް ހަފާ ވަގުތަކީ ހެނދުނާއި ހަވީރެވެ. ޑެންގީ ހުމާއި، ޗިކުންގުންޔާ އާންމުކޮށް ފެތުރެނީ މި މަދިރީގެ ސަބަބުންނެވެ. ޑެންގީހުން ޖައްސާ ހަތަރު ވައްތަރެއްގެ ވައިރަސް މިހާތަނަށްވަނީ ފެނިފައެވެ. މިވައިރަސްގެ ކޮންމެ ބާވަތަކުން މީހަކަށް ބަލި ޖެހޭނީ އެއްފަހަރު ކަމަށްވެއެވެ. މިވައިރަސް އިންސާނުންގެ ހަށިގަނޑަށް ނަގުލުވަނީ ޖަރާސީމް އަށަގެންފައިވާ މަދިރި މީހާގެ ގައިގައި ހެފުމުންނެވެ. މާނައަކީ މަދިރި ހެފުމަކާ ނުލައި އެކަކުގައިން އަނެކަކު ގަޔަށް މިބަލި ނާރާނެއެވެ. މިބަލި އާންމުކޮށް އޮސްޓްރޭލިޔާ، އެފްރިކާ، އޭޝިޔާ ޕެސިފިކްގެ ގައުމުތަކުން ފެންނަކަމަށްވެއެވެ. ކަމާބެހޭ ފަރާތްތަކުން އާންމުކޮށްފައިވާ ބައެއް މައުލޫމާތު ބުނާ ގޮތުންނަމަ ޑެންގީ ހެމޮރެޖިކަކީ އެންމެ ނުރައްކާތެރި ވައްތަރެވެ. މި ބަލި އާންމުކޮށް ފެންނަ ކަމަށްވަނީ ދެކުނު އޭޝިޔާ، ލެޓިން އެމެރިކާ،ހުޅަނގު ޕެސިފިކް ގައުމުތަކުންނެވެ. މިބަލިޖެހޭކަމަށް ވަކި އުމުރެއް ނޯވެއެވެ. ކުޑަކުދިންނާއި، ބޮޑެތި މީހުންނަށްވެސް މިބަލި ޖެހެއެވެ. މިއީ ވަރަށްބޮޑަށް ސަމާލުވާންޖެހޭ ބައްޔެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެންގީ އެންމެފުރަތަމަ ރާއްޖެއިން ފެނިފައިވަނީ 1980 ގެ އަހަރުތަކުގެ ތެރޭގައެވެ. އެހެންނަމަވެސް ވަސީލަތްތައް ކުރިއަރައި މިހާތަނަށް އައިއިރު މިބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ މަގުތައްވަނީ ހޯދިފައެވެ. އެހެންނަމަވެސް އެކަން ކުރެވޭނީ އެގޮތަށް އަމަލުކޮށްގެންނެވެ. މިބަލީގައި މަރުވާމީހުންގެ އަދަދު މަދު ކުރެވިފައިވިޔަސް މިއީ ފަރުވާ ކުޑަކޮށްލާފައި ދޫކުރެވެންއޮތް ބައްޔެއް ނޫނެވެ. ޑެންގީއިން ރައްކާތެރިވުމަށް، މަދިރި ހެފުމުން ދުރުކޮށްދޭ ވަސީލަތްތައް ބޭނުން ކުރުމާއި ވަށައިގެންވާ މާހައުލުގައި މަދިރި އާލާވާފަދަ ތަންތަން ހުރިތޯ ބަލައި އެ ތަންތަނާއި ތަކެތި ހުރިނަމަ ނައްތާލުމަކީ މުޅި މުޖުތަމައަށް ފައިދާ ކުރާނެ ކަމެކެވެ. މީގެ އިތުރަށް އާއްމު ސާފުތާހިރު ކަމަށް ސަމާލުކަން ދެއްވައި، ގިނަގިނައިން އަތްދޮވެ ތިމާ ދިރިއުޅޭ މާހައުލު ސާފުކޮށް ބޭއްވުމަކީ ގިނަ ބަލިތަކުން ރައްކާތެރިވެވޭނެ ކަމެއްކަންވެސް ކަށަވަރެވެ.