English Edition
Dhivehi Edition
ޝަހުތަރު ޑޮނެސްކް ކޮޅަށް ލަނޑުޖެހުމަށްފަހު އިންޓަ މިލާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އިންޓަ

ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗުގައި ޔުކްރޭންގެ ޝަހުތަރު ޑޮނެސްކް ކޮޅަށް އިޓަލީގެ އިންޓަ މިލާނުން ލަނޑު ގޯންޏެއް އޮއްސާލުމަށްފަހު އެ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ. ރޭގެ މެޗުން އިންޓަ މޮޅުވީ 5-0 އިންނެވެ.

މިއީ މި މުބާރާތުގެ ފައިނަލަށް އިންޓަ ދަތުރުކުރި ފަސްވަނަ ފަހަރެވެ. އެ ޓީމަށް ވުރެ ގިނައިން މި މުބާރާތުގެ ފައިނަލްގައި ކުޅެފައިވަނީ މި ފަހަރުގެ މުބާރާތުގެ ފައިނަލްގެ އެ ޓީމާ ދެކޮޅަށް ކުޅޭ ސެވިއްޔާ އެވެ. އަދި ޔުއެފާ ކަޕްގެ ނަމުގައި ކުޅުނު ދުވަސްވަރު އިންޓަ ވަނީ މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، ރޭގެ މެޗަކީ މި މުބާރާތުގެ ތާރީޚުގައި ސެމީ ފައިނަލްގައި މިހާތަނަށް އެންމެ ބޮޑު ތަފާތަކުން މޮޅުވި މެޗެވެ.

އިޓަލީގެ އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންޓަ ރޭގެ މެޗަށް ނިކުތްއިރު، މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ޖަރުމަނުގެ ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ބަދަލެއް ގެނެސްފައެއްނުވެއެވެ. އެހެންނަމަވެސް، ޝަހުތަރުން ރޭގެ މެޗަށް ނިކުތީ ކުއާޓާގައި ސްވިޓްޒަލޭންޑްގެ ބަސެލް އަތުން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ބަދަލެއް ގެނެސްގެންނެވެ.

ޖަރުމަނުގެ ޑުސެލްޑޯފްގައި ރޭ ކުޅުނު މި މެޗުގެ 19 ވަނަ މިނެޓުގައި އިންޓަ އަށް ލީޑްނަގައިދިނީ އާޖެންޓީނާގެ ފޯވާޑް ލޮޓާރޯ މާޓިނޭޒް އެވެ. މިއީ ޝަހުތަރުގެ ގޯލްކީޕަރު އަންދްރޭ ޕިޔަޓޯވް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އިންޓަގެ ނިކޮލޯ ބަރެއްލާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން މާޓިނޭޒް ކާމިޔާބުކުރި ގޯލެކެވެ.

ޝަހުތަރު ޑޮނެސްކާ ދެކޮޅަށް އިންޓަ މިލާން ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: އިންޓަ

ރޭގެ މެޗުގައި އިންޓަ އިން ޖެހި ދެވަނަ ލަނޑު، މެޗުގެ 64 ވަނަ މިނެޓުގައި މާސެލޯ ބްރޮޒޮވިޗް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ކާމިޔާބުކޮށްދިނީ ޑަނީލޯ ޑިއަމްބްރޯސިއޯ އެވެ. އޭގެ 10 މިނެޓުފަހުން، މާޓިނޭޒް ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

އޭގެފަހުން، މެޗުގެ 78 ވަނަ މިނެޓުގައި އިންޓަގެ ހަތަރުވަނަ ލަނޑު، ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ޖަހައިދިންއިރު، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ފަހު ލަނޑުޖެހީވެސް މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ލުކާކޫ އެވެ. މި ގޯލް ތަކާއެކު ލުކާކޫ ވަނީ މި މުބާރާތުގައި އެންމެފަހުން ކުޅުނު 10 މެޗުގައިވެސް ލަނޑުޖަހާފައެވެ. މިއާއެކު، އޭނާ ވަނީ މި ސީޒަނުގައި އިންޓަ އަށް 33 ލަނޑުޖަހައިދީފައެވެ.

މުޅި މެޗުގައިވެސް ޝަހުތަރަށް ލަނޑުޖެހުމަށް ލިބުނު ހަމައެކަނި ފުރުޞަތުގައި އިންޓަ 1-0 އިން ކުރީގައި އޮއްވާ، ނަތީޖާ ހަމަހަމަކުރުމަށް އެ ޓީމުގެ ޖޫނިއާ މޮރައެސް ފޮނުވާލި ހަމަލާ އިންޓަގެ ކީޕަރު ސާމިރް ހެންޑަނޮވިޗް މަތަކުރިއެވެ.

މި މުބާރާތުގެ ފައިނަލްގައި އަންނަ ހުކުރު ދުވަހުގެ ރޭ ސެވިއްޔާއާ ދެކޮޅަށް އިންޓަ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 00:00 ގައެވެ.