ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑިބާލާ، ކުރިއަށް އޮތް ސީޒަނުގައިވެސް އެ ޓީމުގައި މަޑުކުރާނެކަމަށް އިޓަލީގެ އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެގޮތުން، ސްޕޯޓް މީޑިއާސެޓްގެ ޖިއާނީ ބަލްޒަރީނީ ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކުރިއަށް އޮތް ސީޒަނުގައި ޔުވެންޓަސްގެ އެޓޭކްގައި ހިމެނޭ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ރޮނާލްޑޯ އާއި ޑިބާލާ ވެސް އެ ޓީމުގައި މަޑުކުރާނެކަމަށެވެ.
ބަލްޒަރީނީ ބުނީ ދާދިފަހުން ޔުވެންޓަސް އިން ރޮނާލްޑޯ، ބާސެލޯނާ އަށް ވިއްކާލަން އުޅޭކަމަށް އަޑުއަރާފައިވީނަމަވެސް، އެއީ މުޅިން ދޮގެއް ކަމަށެވެ. އަދި އޭނާ އަށް އެންމެ ފަހުން ލިބުނު މައުލޫމާތުތަކުގައިވާގޮތުން، ޔުވެންޓަސް އާއެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން ހަމަވަންދެން އެ ކްލަބުގައި މަޑުކުރާނެކަމަށް ވެސް ބަލްޒަރީނީ ބުންޏެވެ.
މީގެއިތުރުން، އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ޑިބާލާ ވެސް އެންމެ ފަހުން ހަދާފައިވާ އެއްބަސްވުން ރޮނާލްޑޯ އެކޭ އެއްފަދައިން 2022ގެ ނިޔަލަށް ހަމަވާއިރު، ޑިބާލާގެ އައު ކޮންޓްރެކްޓްއާ ގުޅޭ މަޝްވަރާތައް ވަރަށް އަވަހަށް ފެށޭނެކަމަށް ވެސް ބަލްޒަރީނީ ބުންޏެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެތައް ފަހަރެއްގެ މަތިން ހޯދާފައިވާ އުމުރުން 35 އަހަރުގެ ރޮނާލްޑޯ ނިމިދިޔަ ސީޒަނުގައި ޔުވެންޓަސް އަށް ކުޅެދިން 46 މެޗުގައި 37 ގޯލު ޖަހާފައިވާއިރު، އިތުރު ހަތް ލަނޑުޖެހުމަށް ވަނީ އެހީތެރިވެދީފައެވެ. އަދި މިދިޔަ ސީޒަނުގައި ކާމިޔާބުކުރި ލަނޑުތަކާއެކު އޭނާ ވަނީ ޔުވެންޓަސްގެ ތާރީހުގައި އެއް ސީޒަނެއްގެ ތެރޭ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ.
މީގެކުރީން، ޔުވެންޓަސްގެ ރައީސް އަންދްރޭ އަގްނެއްލީ ވެސް ވަނީ އެންމެފަހުގެ ޗެމްޕިއަންސް ލީގުގައި އެ ޓީމަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ނަމަވެސް، އަންނަ ސީޒަނުގައިވެސް ރޮނާލްޑޯ ފެންނާނީ އެ ޓީމުން ކަމަށް ވިދާޅުވެފައެވެ.
އަދި ޗެމްޕިއަންސް ލީގުގެ ނާކާމިޔާބީއާ ގުޅިގެން ޔުވެންޓަސް އިން ދާދިފަހުން އެ ޓީމުގެ ކޯޗު ކަމުން މައުރީޒިއޯ ސާރީ ވަކިކޮށް އެ މަގާމަށް ކުރީގެ ކުޅުންތެރިޔާ އަންދްރޭ ޕިރްލޯ ހަމަޖައްސާފައިވާއިރު، ޕިރްލޯ އަށް މި މަގާމު ދޭން ނިންމީ ވެސް އަގްނެއްލީއެވެ.