ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑް އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ ސްޕެއިނުގެ ސެވިއްޔާ އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ ސެވިއްޔާ އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ހަވަނަ ފަހަރެވެ. މީގެކުރިން އެ ޓީމު ފައިނަލަށް ދިޔަ ފަސް ފަހަރު ވެސް ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. އަދި މިއީ ސްޕެއިންގެ ކްލަބެއް އަތުން ބަލިވެ ޔޫރަޕްގެ މުބާރާތެއްގެ ނޮކްއައުޓް ބުރުން ޔުނައިޓެޑް ވިދިވިދިގެން ކެޓި ތިން ވަނަ ފަހަރެވެ.
ޖަރުމަނުގެ ކޮލޯންގައި ރޭ ކުޅުނު މި މެޗުގެ ކުޅުން ފެށިގެން ނުވަވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑް ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް އެވެ. މިއީ އެ ޓީމުގެ މާކަސް ރަޝްފޯޑަށް ސެވިއްޔާގެ ޑިއޭގޯ ކާލޯސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ސެވިއްޔާ އިން ނަތީޖާ ހަމަހަމަ ކުރީ 26 ވަނަ މިނެޓުގައި ސޫސޯ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ސާޖިއޯ ރެގީލޯން ނަގައިދިން ރީތި ހުރަހަކުން ސޫސޯ ވައްދާލި ގޯލެކެވެ. މެޗުގެ ފުރަތަަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ރޭގެ މެޗުން ސެވިއްޔާ މޮޅުވި ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 12 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ކުޅެން ނިކުތް ލޫކް ޑި ޔޯން އެވެ. މިއީ ސެވިއްޔާގެ ކަނާތް ފަޅިން ކެޕްޓަން ޖެސޫސް ނަވާސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިޔާތެރެއަށް އައި ބޯޅަ ވަރަށް ހަމަޖެހިލައިގެން ހުރެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޑި ޔޯން ކާމިޔާބުކުރި ގޯލެކެވެ.
ސެވިއްޔާ އިން މި ލަނޑުޖެހުމުގެ ކުރީން، ޔުނައިޓެޑްގެ ފޯވާޑް އެންތަނީ މާޝިއަލް އަށް ވަނީ އެ ޓީމަށް ލީޑްނަގައިދިނުމަށް ރަނުގެ ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން، ދެވަނަ ހާފުގެ ކުރީކޮޅު މާޝިއަލް ފޮނުވާލި ދެ ހަމަލާ ވެސް ސެވިއްޔާގެ ގޯލްކީޕަރު ބޯނޯ މަތަކުރި އެވެ.
ރޭގެ މެޗާއެކު ޔުނައިޓެޑް ވަނީ މި ފަހަރުގެ ސީޒަނުގައި ކުޅުނު ތިން މުބާރާތެއްގެ ފައިނަލަށް ނުގޮސް ސެމީ ފައިނަލާ ހިސާބުން ކަޓާފައެވެ. އަދި މިއީ 89-1987 ގެ ފަހުން ޔުނައިޓެޑަށް ތައްޓެއް ނުލިބި ވިދިވިދިގެން ތިން އަހަރު ހަމަކުރި ފުރަތަަމަ ފަހަރެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ބުނީ އޭނާގެ ޓީމުން ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރި ކަމަށާއި، މެޗުން ބަލިވުން ހައްގު ނޫން ކަމަށެވެ. އަދި ސެވިއްޔާ އަށް މާގިނަ ފުރުސަތު ތަކެއް ތަނަވަސްކުރެވިފައިނުވާއިރު އެ ޓީމުން ޖެހި ދެލަނޑުވެސް އަރިމަތިން ނެގި ދެ ހުރަހަކުން ކާމިޔާބުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް މެގުއާ ބުންޏެވެ.
މިރޭ ކުޅެވޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިޓަލީގެ އިންޓަ މިލާނާ ޔުކްރޭންގެ ޝަހުތަރު ޑޮނެސްކް އެވެ. މި މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ސެވިއްޔާ ކުޅޭ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.