English Edition
Dhivehi Edition
ރޭގެ މެޗުން މޮޅުވުމުން އޮލިމްޕިކް ލިޔޯންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު މެޗުގައި އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީގެ މައްޗަށް 3-1 އިން ކުރިހޯދައި، ފްރާންސްގެ އޮލިމްޕިކް ލިޔޯން އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސިޓީން ޗެމްޕިއަންސް ލީގުގެ ސެމީ އަށް ނުގޮސް ކެޓި ހަތަރުވަނަ ފަހަރެވެ. މިދިޔަ ތިން އަހަރު ކުއާޓާ ފައިނަލާ ހިސާބުން ކެޓިއިރު، އޭގެ ކުރީ ސީޒަނުގައި އެ ޓީމު ކެޓީ ގަދަ 16ގެ ބުރުންނެވެ.

މިއާއެކު، މި ފަހަރުގެ ސެމީ އަށް ހޮވިފައިވަނީ ޖަރުމަނުގެ ދެ ޓީމާއި ފްރާންސްގެ ދެ ޓީމެވެ. މިއީ ހަމައެކަނި މި ދެ ގައުމުގެ ޓީމުތައް މުބާރާތުގެ ސެމީން ފެންނަ ފުރަތަމަ ފަހަރެވެ. އަދި ޗެމްޕިއަންސް ލީގުގެ މިހާރުގެ ފޯމެޓަށް ބަދަލުކުރި ފަހުން ފްރާންސްގެ ދެ ޓީމެއް ސެމީ އަށް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

ރޭގެ މެޗުގައި ހީކުރި ގޮތާ ހިލާފަށް ލިޔޯނުން ލީޑްނެގީ 26 ވަނަ މިނެޓުގައި މެކްސްވެލް ކޯނެޓް ވައްދާލި ރީތި ގޯލުންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ލިޔޯން ކުރީގައިއޮވެގެންނެވެ. ސިޓީން ނަތީޖާ ހަމަހަމަކުރީ މެޗުގެ 69 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ދިން ބޯޅައަކުން ކެވިން ޑި ބްރޭނާ އެވެ. އޭގެކުރީން، ޑި ބްރޭނާ ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް ލިޔޯންގެ ގޯލްކީޕަރު އެންތަނީ ލޮޕޭސް ވަނީ މަތަކޮށްފައެވެ.

މެންޗެސްޓާ ސިޓީ އަށް ދެވަނަ ފަހަރަށް އެއްވަރުކުރަން ލިބުނު ފުރުޞަތުގައި ރަހީމް ސްޓާލިން (ވ) ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިމަތިން ދަނީ. –ފޮޓޯ: ގިވްމީސްޕޯޓް

ސިޓީން ނަތީޖާ ހަމަހަމަކުރިތާ 10 ވަރަކަށް މިނެޓުފަހުން، ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މޫސާ ޑެމްބެލޭ ވަނީ ލިޔޯނަށް އަލުން ލީޑްނަގައިދީފައެވެ. ވީއޭއާރްގެ އެހީގައި މި ގޯލް ބަލައިގަންނަން ނިންމީ އެ ބޯޅަ ޑެމްބެލޭ އަށް ލިބުމުގެ ކުރީން އޮފްސައިޑް މަގާމެއްގައި ހުރި އެ ޓީމުގެ ޓޯކޯ އެކަމްބީ ފައިގައި ބޯޅަ ނުޖެހޭއިރު، އެޓޭކްގައި ބައިވެރިވުމުގެ ގޮތުން އޭނާ އެއްވެސް ކަމެއް ކޮށްފައިނުވާކަން ޔަގީންކުރުމަށްފަހުއެވެ.

އޭގެފަހުން، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ސިޓީ އަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރަން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ގޯލު ކުރިމަތީގައި މުޅިން ހުސްކޮށް ހުރެ ސްޓާލިން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ. އޭގެ މިނެޓެއްފަހުން، ޑެމްބެލޭ ވަނީ އިތުރު ގޯލެއް ޖަހައި މި މެޗުން ލިޔޯނަށް މޮޅު ޔަގީންކޮށްދީފައެވެ. މިއީ އެ ޓީމުގެ ހުސާމް އޮއާރް ފޮނުވާލި ހަމަލާ ސިޓީގެ ކީޕަރު އެޑަސަން މޮރައެސް އަތުގައިޖެހިފައި އެ ބޯޅަ ނިކުތް ވަގުތު ޑެމްބެލޭ އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ރޭގެ ނަތީޖާއާއެކު މި ފަހަރުގެ މުބާރާތުގެ ސެމީގައި ބައްދަލުކުރަންޖެހޭ ޓީމުތައް ކަށަވަރުވެގެންދިޔައިރު، އަންނަ އަންގާރަ ދުވަހުގެ ރޭ ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ޖަރުމަނުގެ އާރްބީ ލީޕްޒިގާ ދެކޮޅަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ނިކުންނައިރު، ބުދަ ދުވަހުގެ ރޭ ކުޅެވޭ ސެމީގެ ފަހު މެޗުގައި ލިޔޯން ނިކުންނާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށެވެ.