ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު މެޗުން ބާސެލޯނާ އަތުން 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެ ސެމީ އަށް ދަތުރުކުރިއިރު، ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލްފޮންސޯ ޑޭވިސް އަށް ރެއާލް މެޑްރިޑްގެ ފުލްބެކް މާސެލޯ ތައުރީފުކޮށްފިއެވެ.
ރޭގެ މެޗުގައި ބަޔާނުން ޖެހި ފަސްވަނަ ގޯލަށް އެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ތެރޭގައި ޑޭވިސް ވަނީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ގާތުން ދެމިގަތުމަށްފަހު އެ ޓީމުގެ އާތުރޯ ވިޑާލްގެ އިތުރުން ނެލްސަން ސެމޭޑޯ ގާތުން ވަރަށް ރީއްޗަށް ނައްޓާލުމަށްފަހު ޖަރުމަނުގެ ޖޯޝުއާ ކިމިޗް އަށް އެ ލަނޑުޖެހުމަށް މަގުފަހިކޮށްދީފައެވެ.
މުޅި މެޗުގައި ޒުވާން ޑޭވިސް މޮޅުކުޅުމެއް ދައްކާފައިވާއިރު، ހާއްސަކޮށް ބާސެލޯނާގެ އެޓޭކްތައް ހުއްޓުވުމުގަ އާއި ބަޔާންގެ އެޓޭކްތަކުގައި މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.
އެހެންކަމުން ރޭގެ މެޗުގައި އޭނާގެ ފަރާތުން ފެނުނު މޮޅު ކުޅުމަށް ޑޭވިސް އަށް ގިނަ ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ. އެގޮތުން، ބްރެޒިލް އަދި ރެއާލްގެ ޑިފެންސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މާސެލޯ ވަނީ ޑޭވިސްގެ އިންސްޓަގްރާމްގައި ޝެއާކޮށްފައިވާ ޕޯސްޓަކަށް ތައުރީފުގެ މެސެޖަކުން ރިޕްލައިކޮށްފައެވެ.
ޑޭވިސްގެ ޕޯސްޓަށް ރިޕްލައިކޮށް މާސެލޯ ލިޔެފައިވަނީ، “ޑޭވިސްގެ ކުޅުން ލޮލަށް ފެންނަ ކޮންމެ ފަހަރަކު ހިތްހަމަޖެހުން ގެނެސްދޭ” މިހެންނެވެ.
2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އެމެރިކާގެ މޭޖާ ލީގު ސޮކާގައި ކުޅެމުން އަންނަ ކެނެޑާގެ ވެންކޫވާ ވައިޓްކެޕްސް އިން 10 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށް ބަޔާނަށް ބަދަލުވެ، ޑޭވިސް ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ހިމެނެމުން އަންނަ މުހިއްމު ކުޅުންތެރިއަކަށްވެފައެވެ.
ކެނެޑާ އަށް އުފަން އުމުރުން 19 އަހަރުގެ ޑޭވިސް ވަނީ ބަޔާންގައި ޖާޒީގައި 47 މެޗު ހަމަކޮށްފައިވާއިރު، މި ފަހަރުގެ ސީޒަނުގައި އެ ޓީމަށް ކުޅުނު 44 މެޗުގައި ތިން ލަނޑުޖަހައި، އިތުރު 10 ގޯލްޖެހުމަށް އެހީތެރިވެދީފައިވެއެވެ. މީގެއިތުރުން، އޭނާ ވަނީ ކެނެޑާގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 17 މެޗުގައި ފަސް ލަނޑުޖަހާފައެވެ.