English Edition
Dhivehi Edition
އާސެނަލްގެ އާޖެންޓީނާ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް. --ފޮޓޯ: ގެޓީ އިމޭޖަސް

އާސެނަލްގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ކުޅުމުގެ ފުރުޞަތު ލިބޭނަމަ އެ ކްލަބުގައި މަޑުކުރާނެކަމަށް އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް ބުނެފިއެވެ.

އުމުރުން 27 އަހަރުގެ މާޓިނޭޒް ބުނީ ކުރިއަށް އޮތް ސީޒަން ފެށެން މިހާރު ކައިރިވެފައިވާއިރު ޔޫރަޕްގެ 10 ވަރަކަށް ކްލަބުން އޭނާ ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވިޔަސް އޭނާ އެންމެ ބޮޑަށް ބޭނުންވަނީ އާސެނަލްގައި މަޑުކުރުމަށް ކަމަށާއި، އެހެންވެސް ހަދާނީ ގިނަ މެޗުތަކެއްގައި ކުޅުމުގެ ފުރުޞަތު ލިބޭނަމަ ކަމަށެވެ.

“ޕާސަނަލީ މިހާރު ހުރި ލެވެލްގެ އިތުރުން އުމުރަށް ބަލާއިރު، ދަނޑުމަތީގައި އިތުބާރު ބޮޑުކުރުމަށް ވީހާވެސް ގިނަ މެޗުތަކެއްގައި ކުޅެން ބޭނުން،”

“މިހާތަނަށް އައިއިރު ޔޫރަޕްގެ 10 ވަރަކަށް ކްލަބުން އަހަރެން ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ. ކަނޑައެޅިގެން އެއީ ކޮން ކްލަބުތަކެއްކަން މިވަގުތު ބުނަން ދަތި. އަދި އާސެނަލްގައި އަހަރެންގެ ކުރިމަގާ މެދު މިހާރު އެއްޗެއް ބުނާކަށްވެސް ނޭނގޭ. އެކަމަކު، ކުރިއަށް އޮތް ތާނގާއި ކެރިއަރާއި ގުޅޭ މުހިއްމު ނިންމުމާމެދު ގޮތެއް ނިންމާނަން.” މާސާ އަށް ދިން އިންޓަވިއުއެއްގައި މާޓިނޭޒް ބުންޏެވެ.

އާއްމުކޮށް އާސެނަލްގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ކުޅެމުން އަންނަ ޖަރުމަނުގެ ކީޕަރު ބާންޑް ލެނޯއަށް އަނިޔާވެ ކުޅުމާ ދުރަށް ދާންޖެހުމުން، ކުރީން ކަޕް މެޗުތަކުގައި ކުޅެން ފުރުޞަތު ލިބެމުން އައި މާޓިނޭޒް ވަނީ ނިމިދިޔަ ސީޒަނުގައި ފުރަތަމަ އެގާރައިގައި ކުޅެން ލިބުނު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، އާސެނަލުން އިނގިރޭސި އެފްއޭކަޕް ކާމިޔާބުކުރިއިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އެހެންނަމަވެސް، ލެނޯ އެނބުރި އައުމުން މާޓިނޭޒަށް އަންނަ ސީޒަނުގައި ފުރަތަމަ އެގާރައިން ޖާގަ ނުލިބިދާނެ ކަމުގެ ބިރު އޮތުމުންނާއި، ކުރިއަށް އޮތް ކޮޕާ އެމެރިކާގައި އާޖެންޓީނާގެ ގައުމީ ޓީމުން ޖާގަ ހޯދަން ބޭނުންވާތީވެ، ގަވާއިދުން ފުރަތަމަ އެގާރައިގައި ކުޅެން ޖާގަ ލިބޭ ޓީމަކަށް އޭނާ ބަދަލުވުމުގެ ފުރުޞަތު ބޮޑެވެ.

2010 ވަނަ އަހަރު އާސެނަލްގެ ޔޫތު ޓީމަށް ކުޅެން ފެށި މާޓިނޭޒް ވަނީ މިހާތަނަށް ލޯން އުސޫލުން އިނގިރޭސި އެކި ޑިވިޝަނުގެ ޓީމުތަކަށް ކުޅެފައެވެ. އޭނާ ވަނީ މިހާތަނަށް އައިއިރު އާސެނަލްގެ ސީނިއާ ޓީމަށް 37 މެޗު ކުޅެދީފައެވެ. ޔޫތު ލެވެލްގައި އެކި އުމުރުފުރާތަކުގައި އާޖެންޓީނާ އަށް ކުޅުނު ނަމަވެސް، ސީނިއާ ގައުމީ ޓީމަށް މިހާތަނަށް ކުޅެފައެއްނުވެއެވެ.