English Edition
Dhivehi Edition
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ (ކ) އާއި އެ ޓީމުގެ ލެޖެންޑް ޒަވީ ހެނާންޑޭޒް (ވ) ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ގެޓީ އިމޭޖަސް

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއެކު އަދި އެއްފަހަރު މަސައްކަތްކުރަން ބޭނުންވާކަމަށް ގަތަރުގެ އަލް ސާދަށް އިރުޝާދު ދެމުން އަންނަ ބާސެލޯނާ އަދި ސްޕެއިނުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ދާދިފަހުން ޒަވީ ވަނީ އޭނާގެ އެންމެ ބޮޑު އުއްމީދަކީ ބާސެލޯނާ އަށް ކޯޗުކޮށްދިނުން ކަމަށާއި އެކަމަކު އަދި އެ މަގާމަށް މިހާރު އަންނަން މާއަވަސް ކަމަށެވެ.

ބާސެލޯނާ އާއެކު ގިނަ ގުނަ ކާމިޔާބީތަކެއް ހޯދާފައިވާ ޒަވީ ބުނީ ސްޕެއިނުގައި މެސީ މަޑުކުރަންޖެހޭނެ ކަމަށާއި، އެ ކްލަބަށް މެސީ ބޭނުންވާ ގޮތަށް މެސީ އަށް ވެސް ބާސެލޯނާ މުހިއްމުވާ ކަމަށެވެ. އަދި މެސީ އުފަލުގައި ބަހައްޓަންޖެހޭނެ ކަމަށާއި، އޭނާ އާއެކު އަދިވެސް ބާސެލޯނާ އަށް ކާމިޔާބީތައް ހޯދޭނެ ކަމަށެވެ.

“މެސީ އަށް ބާސާ ބޭނުންވޭ، ހަމައެގޮތަށް ބާސާ އަށް މެސީ ވެސް މުހިއްމު. މެސީ އާއެކު ބާސާ އަށް އަދިވެސް އިތުރު ކާމިޔާބީތައް ހޯދޭނެ،” އެލް ޕައިސް އަށް ދިން އިންޓަވިއުގައި ޒަވީ ބުންޏެވެ.

ޒަވީ އިތުރަށް ބުނީ މެސީ އާ ދެމެދު ރަނގަޅު ގުޅުމެއް އެބައޮތް ކަމަށާއި، އޭނާ އަށް ވަރަށް ބޮޑަށް އިހްތިރާމްވެސް ކުރާ ކަމަށެވެ. މީގެއިތުރުން، ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ހުރި މެސީ އަކީ ވަރަށް ވާދަވެރި ރޫޚެއް ހުންނަ ކުޅުންތެރިއެއް ކަމަށާއި، އޭނާ އަބަދުވެސް ބޭނުންވަނީ މޮޅުވާން ކަމަށް ވެސް ޒަވީ ފާހަގަކުރިއެވެ.

އިންޓަވިއު ނިންމާލަމުން ޒަވީ ބުނީ، ޕްރޮފެޝަނަލީ އަދި އެއް ފަހަރު މެސީއާ ބައްދަލުކުރަން ބޭނުންވާކަމަށާއި، އެގޮތުން ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއެކު އެއް ޓީމެއްގައި މަސައްކަތްކުރުމުން ކާމިޔާބީތައް ލިބުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެ ކަމަށެވެ.

މިހާރު އުމުރުން 40 އަހަރުގެ ޒަވީ ވަނީ އަލް ސާދު އާއެކު ހަދާފައިވާ އެއްބަސްވުން އެއް އަހަރު ދުވަހަށް އިތުރުކޮށްފައެވެ. އަދި މި އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާއެއްގައި ބުނާގޮތުން ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުގެ ކުރީން ވަކި މުއްދަތެއްގެ ނޯޓިސްއެއް ދީފައި އޭނާ ބޭނުންވާ ކްލަބަކަށް ބަދަލުވުމުގެ އިހްތިޔާރުލިބިގެންވާ ކަމަށް މީޑިއާ ހަބަރުތައް ބުނެއެވެ.