ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު މެޗުން ޖަރުމަނުގެ އާރްބީ ލީޕްޒިގު އަތުން 2-1 އިން ބަލިވެ، އެ މުބާރާތުން އެތުލެޓިކޯ މެޑްރިޑް ކެޓިނަމަވެސް، އެކަމުގެ ސަބަބުން ކޯޗު ޑިއޭގޯ ސިމިއޯނީ އަށް އެއްވެސް ޕްރެޝަރެއް ނެތްކަމަށް އެ ޓީމުގެ ރައީސް އެންރީކޭ ސެރޭޒޯ ބުނެފިއެވެ.
އެގޮތުން، އެތުލެޓިކޯގެ ރައީސް ސެރޭޒޯ ބުނީ ލީޕްޒިގު އަތުން ބަލިވުމުން ސިމިއޯނީ އަށް ފާޑުކިޔައި، ރޭގެ މެޗަށް ނެގި ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންނާ ގުޅޭގޮތުން ވާހަކަދައްކާ މީހުން އަމިއްލަ އަކަށް ޓީމެއް ބިނާކޮށްގެން އެކަންތައްތައް ކުރުމަށެވެ. އަދި އެތުލެޓިކޯ ޓީމަށް ކުޅުންތެރިން ނެގުމުގެ ފުރިހަމަ އިހްތިޔާރު ލިބިގެންވަނީ ސިމިއޯނީ އަށް ކަމަށް ވެސް ސެރޭޒޯ ފާހަގަކުރިއެވެ.
“ރޭގެ މެޗުގެ ނަތީޖާ ނިކުތްގޮތުން ސިމިއޯނީއާ މެދު ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހި އެކި ވާހަކަދައްކާފައި. ހާއްސަކޮށް ރޭގެ މެޗަށް ނެގި ފުރަތަމަ އެގާރައާ ގުޅޭގޮތުން ވެސް އެކި އަޑުތައްވަނީ އިވިފައި،”
“އެމީހުންނަށް ބުނެލަން ބޭނުންވަނީ އެތުލެޓިކޯގެ ޓީމު ނެގުމުގެ ފުރިހަމަ އިހްތިޔާރު ލިބިގެންވަނީ ސިމިއޯނީ އަށް އެކަނި ކަމަށް. އަދި މިކަމާ ހިތްހަމަނުޖެހޭ މީހުން އަމިއްލަ އަކަށް ޓީމެއް ހަދައިގެން ފުރަތަމަ އެގާރައަށް ގެންނަންވީ ބަދަލުތަކުގެ ވާހަކަތައް ދެއްކުމަށްވެސް ގޮވާލަން.” ސެރޭޒޯ ބުންޏެވެ.
ސެރޭޒޯ ބުނީ ރޭގެ މެޗުން އެތުލެޓިކޯ ބަލިވިނަމަވެސް، ޖުމްލަކޮށް މި ސީޒަނުގައި އެ ޓީމުގެ ފަރާތުން ފެނުނީ ރަނގަޅު ކުޅުމެއް ކަމަށާއި، އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ފުރުޞަތު ލިބިފައިވާއިރު، މި ފަހަރުގެ ލީގުގެ ތިންވަނަ ލިބުމަކީ ގޯސް ނަތީޖާތަކެއް ނޫން ކަމަށެވެ. އަދި ސެރޭޒޯ ބުނީ ރޭގެ މެޗުގެ ނަތީޖާ އެގޮތަށް ނިކުންނާނެ ކަމަށް ކުރީން ހީނުކުރެވުނު ނަމަވެސް ފުޓްބޯޅައިގައި އެ ކަހަލަ ދުވަސްތައް ވެސް ދިމާވާނެ ކަމަށެވެ.
މީގެއިތުރުން، ރޭގެ މެޗުން އެތުލެޓިކޯ އަތުން މޮޅުވި ލީޕްޒިގަކީ މީގެ 11 ވަރަކަށް އަހަރު ކުރީން ވުޖޫދަށް އައި ކްލަބަކަށް ވީ ނަމަވެސް، ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން އެ ޓީމު އަންނަނީ ޖަރުމަނުގެ ބުންޑެސްލީގާގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި އެ ޓީމަކީ ވޭތުވެދިޔަ ނުވަ ވަރަކަށް އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ސެމީން ފުރުޞަތު ހޯދި ޖަރުމަނުގެ ތިންވަނަ ކްލަބަށްވީ ހިނދު، ރޭގެ މެޗުގައިވެސް ވަނީ މޮޅު ކުޅުމެއް ދައްކައި، އެތުލެޓިކޯގެ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ހޯދާފައެވެ.
ލީޕްޒިގުން ރޭގެ މެޗުގައި ޖެހި ފުރަތަމަ ގޯލް، ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ޑެނީ އޮލްމޯ އެވެ. އޭގެފަހުން، އެތުލެޓިކޯ އަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ފަހު ހާފުގައި ކުޅެން ނިކުތް ޕޯޗުގަލްގެ އަރަމުން އަންނަ ފޯވާޑް ޔާއޯ ފެލިކްސް އެވެ. ނަމަވެސް، މި ނަތީޖާގައި އޮވެގެން ނިމެން ދަނިކޮށް ލީޕްޒިގުން މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެމެރިކާގެ ޒުވާން މިޑްފީލްޑަރު ޓައިލާ އެޑަމްސް އެވެ.