ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރޭ އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ކުޅުނު މެޗުން މޮޅުވުން ހައްޤުކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
ޕޯޗުގަލްގެ ބެންފީކާގެ އެސްޓާޑިއޯ ޑަ ލުޒްގައި ރޭ ކުޅުނު މެޗުގެ އެންމެފަހު ވަގުތުގައި މާކީނޯސް އާއި އެރިކް މެކްސިމް ޗޫޕޯ-މޯޓިން ކާމިޔާބުކުރި ލަނޑުތަކުން ޕީއެސްޖީ މޮޅުވީ، ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އެޓަލާންޓާގެ މާރިއޯ ޕަސަލިޗް ވައްދާލި ހިތްގައިމު ގޯލާއެކު އެ ޓީމު ލީޑްނަގައިގެން މޮޅުވާން ދަނިކޮށެވެ.
ރޭގެ މެޗާ ބެހޭގޮތުން ޕީއެސްޖީގެ ކޯޗު ޓުޗެލް ބުނީ އެ ޓީމު ކުޅެމުންދިޔައިރު އެއްވެސް ވަރަކަށް އުއްމީދު ކަނޑާނުލާކަމަށާއި، ގޯލެއް ޖަހާނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ. ހާއްސަކޮށް ޕީއެސްޖީން ފުރަތަމަ ގޯލެއް ޖަހައި އެއްވަރުކުރުމުން ވެސް އޭނާގެ އެސިސްޓެންޓުން ގާތުގައި އިތުރު ގޯލެއް ޖަހާނެ ވާހަކަ ބުނި ކަމަށް ވެސް ޓުޗެލް ބުންޏެވެ.
“ރޭގެ މެޗު ކުޅެމުންދިޔަ ވަގުތު އެއްވެސް ވަރަކަށް އަހަރެން އުއްމީދެއް ކަނޑައެއްނުލަން. އަދި އަހަރެމެން އެއް ގޯލްޖަހައި އެއްވަރުކުރުމުން ޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގާތުގައި އިތުރު ގޯލެއް ޖަހާނެ ކަމަށް ބުނިން،”
“އެޓަލާންޓާއާ ދެކޮޅަށް އަހަރެމެން ރަނގަޅު ގޭމެއް ކުޅެ މޮޅުވީ. އަހަރެން ދެކޭ ގޮތުގައި ރޭގެ މެޗު ކާމިޔާބުކޮށް އަހަރެމެން ސެމީ އަށް ދިއުން ހައްގު.” ޓުޗެލް ބުންޏެވެ.
ޓުޗެލް އިތުރަށް ބުނީ ރޭގެ މެޗު ބެލި ކޮންމެ މީހަކަށްވެސް މޮޅުވުން ހައްގީ ކޮން ޓީމެއްކަން އެނގޭނެ ކަމަށާއި، އާއްމުގޮތެއްގައި މި ކަހަލަ މެޗުތަކުގެ ނަތީޖާ ބުރަވާނީ ނަސީބު ވެސް އެހީވެގެން ކަމަށެވެ.
“ރޭގެ މެޗު ބެލި ކޮންމެ މީހަކަށްވެސް މޮޅުވުން ހައްގީ ކޮން ޓީމެއްކަން އެނގޭނެ. ދެވަނަ ހާފު އެއްކޮށް ޑޮމިނޭޓްކުރިއިރު، ބެންޗުން އެރި ކުޅުންތެރިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައި.” ޓުޗެލް ބުންޏެވެ.
ރޭގެ މެޗު ކާމިޔާބުކޮށް ޕީއެސްޖީން ވަނީ 1995 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީން ޖާގަ ހޯދާފައެވެ. އެ ފަހަރުގެ މުބާރާތުގެ ސެމީގައި ޕީއެސްޖީ ބަލިވީ އިޓަލީގެ އޭސީ މިލާން އަތުން 3-0 އިންނެވެ.
މި ފަހަރުގެ މުބާރާތުގައި ޕީއެސްޖީ ދެން ނިކުންނަންޖެހޭނީ މިރޭ ކުޅެވޭ ކުއާޓާގެ ދެވަނަ މެޗުގައި އެތުލެޓިކޯ މެޑްރިޑާއި އާރްބީ ލައިޕްޒިގް ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އަދި ކުރިއަށް އޮތް މެޗަށް ނިކުންނައިރު އެ ޓީމަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ރޭގެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު އެންހެލް ޑި މާރިއާގެ އިތުރުން މިވަގުތު އަނިޔާގައި ހުރި އިތުބާރު މިޑްފީލްޑަރު މާކޯ ވެރާޓީ އަށް ކުޅެވުމުގެ ފުރުޞަތު ބޮޑުވުމެވެ. އެހެންނަމަވެސް، ރޭގެ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު ކޭލޯ ނަވާސް އަށް ކުރިއަށް އޮތް މެޗުގައި ކުޅެވޭނެކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.