މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ނޫން ކަމަށާއި، ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ކަމަށް އެ ޓީމުގެ ކުރީގެ ތަރި ޖިއޮވާނީ އެލްބާ ބުނެފިއެވެ.
މި ފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އަންނަ ހުކުރު ދުވަހުގެ ރޭ ބާސެލޯނާއާ ދެކޮޅަށް ބަޔާން ނިކުންނައިރު، ދާދިފަހުން އެ ޓީމަށް ކުރީން ކުޅުނު ޖަރުމަނުގެ ލެޖެންޑް ލޮތާ މަތައެސް ވެސް ވަނީ މެސީ އަށް ވުރެ މިހާރު ލެވަންޑޯސްކީ މޮޅުކަމަށް ބުނެފައެވެ.
ބްރެޒިލްގެ ގައުމީ ޓީމަށްވެސް ކުރީން ކުޅެފައިވާ އެލްބާ ބުނީ ދަނޑުމަތީގައި މެސީ ކުރާ ކޮންމެ ކަމަކަށް ވެސް ލޯބިކުރާ ކަމަށާއި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި އެއްފެންވަރެއްގައި ކުޅެމުންދާތާ ގިނަ ދުވަސްތަކެއްވެފައިވީނަމަވެސް މި ފަހަރުގެ ސީޒަނުގައި ލެވަންޑޯސްކީ އަށް ވުރެ މޮޅު ކުޅުންތެރިއަކު ދުނިޔޭގައިވެސް ނެތް ކަމަށެވެ.
“ދަނޑުމަތީގައި މެސީ ކުރާ ކޮންމެ ކަމެއް ވެސް އަހަރެންނަށް ކަމުދޭ. އޭނާ އެ ދަނީ ގިނަ ދުވަސްތަކެއްވަންދެން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި އެއްފެންވަރެއްގައި އެންމެ މަތީ ލެވެލްގައި ކުޅެމުން. އެކަމަކު، މި ފަހަރުގެ ސީޒަނުގައި ލެވަންޑޯސްކީ އަށްވުރެ މޮޅު އެއްވެސް ކުޅުންތެރިއަކު ނެތް.” އެލްބާ ބުންޏެވެ.
އެލްބާ ބުނީ ލެވަންޑޯސްކީ އަކީ ދަނޑުމަތީގައި ކޮންމެ ފަދަ ކަމެއް ކުރުމުގެ ގާބިލްކަން ހުރި މޮޅު ފޯވާޑެއް ކަމަށާއި، އެހެންވެ އޭނާ އަށް ލިބޭ ކޮންމެ ފުރުޞަތެއްގައިވެސް ލަނޑުޖެހުމުގެ ގާބިލްކަން އެބަހުރިކަމަށެވެ.
“މިފަހަރުގެ ސީޒަނުގައި ލެވަންޑޯސްކީގެ ފަރާތުން އާދަޔާ ހިލާފު މޮޅު ކުޅުމެއް ފެނިގެންއެދަނީ. އޭނާ އަށް ލިބޭ ކޮންމެ ފުރުޞަތެއްގައިވެސް އެދަނީ ގޯލް ޖަހަމުން، ދަނޑުމަތީގައި އޭނާ އަށް ނުކުރެވޭ އެންމެ ކަމެއް ވެސް ނެތް،” އެލްބާ ބުންޏެވެ.
މިހާރު އުމުރުން 48 އަހަރުގެ އެލްބާ ވަނީ 1997 އިން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ބަޔާނަށް ކުޅެދިން 266 މެޗުގައި 140 ލަނޑުޖަހައިދީ، އެ ޓީމާއެކު ޖަރުމަން ލީގާއި، ލީގު ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށް އެއްފަހަރު ޗެމްޕިއަންސް ލީގު ހޯދާފައެވެ.