ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގައި، އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް ބަލިކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް ސެވިއްޔާގެ ކޯޗު ހުލެން ލޮޕެޓެގީ ބުނެފިއެވެ.
މެޗުގެ އިތުރުވަގުތުގައި ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސް ވައްދާލި ޕެނަލްޓީއާއެކު 1-0 އިން ޑެންމާކްގެ ކޯޕަންހޭގަން ބަލިކޮށް ޔުނައިޓެޑުން މި މުބާރާތުގެ ސެމީން ފުރުޞަތު ހޯދިއިރު، ސެވިއްޔާ އިން ސެމީގެ ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި 1-0 އިން އިނގިރޭސި ކްލަބު ވުލްވަހެމްޕްޓަން ވޮންޑަރާސް ބަލިކުރުމަށްފަހު އެވެ.
ރޭގެ މެޗުގައި ސެވިއްޔާގެ ހަމައެކަނި ލަނޑު، އާޖެންޓީނާގެ ލޫކަސް އޮކަމްޕޯސް ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފުގައި އެ ޓީމުގެ ކީޕަރު ޔަސީން ބޯނޯ ވަނީ ވުލްވްސްގެ ރައުލް ހިމެނޭޒް ފޮނުވާލި ޕެނަލްޓީއެއް ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.
ކުރީން ސްޕެއިނުގެ ރެއާލް މެޑްރިޑަށްވެސް ކޯޗުކޮށްދީފައިވާ ލޮޕެޓެގީ ބުނީ ޔުނައިޓެޑަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު ކްލަބުކަމަށާއި، ހާއްސަކޮށް ޔޫރަޕްގެ މުބާރާތްތަކުގައި ވެސް ވަރުގަދަ ކްލަބެއް ކަމަށެވެ. އެހެންނަމަވެސް، އެ ޓީމު ދެކެ ސެވިއްޔާ ޖެހިލުންނުވާ ކަމަށާއި، އެއީ ހުރިހާ ގޮތަކުންވެސް އުނދަގޫ ވާނެ މެޗެއް ކަމަށާއި، ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ވެސް ލޮޕެޓެގީ ބުންޏެވެ.
“ދެން އޮތް މެޗުގައި ނިކުންނަން މިޖެހެނީ ޔުނައިޓެޑާ ދެކޮޅަށް. އެއީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކްލަބު، އެމެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭނެ،”
“މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ޔުނައިޓެޑަކީ ޔޫރަޕްގެ މުބާރާތްތަކުގައި ވެސް ފާހަގަކޮށްލެވޭ ކްލަބެއް. އެ ޓީމާ ދެކޮޅަށް އަހަރެމެންގެ އެންމެ މޮޅު ކުޅުން ދައްކަންޖެހޭނެ، އެ މެޗަށް ނިކުންނާނީ ޔުނައިޓެޑް ބަލިކުރެވޭނެކަމުގެ ޔަގީންކަމާއެކު.” ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ލޮޕެޓެގީ ބުންޏެވެ.
ޔުރޮޕާ ލީގުގައި ރޭ ކުޅެވުނު ކުއާޓާގެ ދެވަނަ މެޗުގައި ސްވިޓްޒަލޭންޑްގެ ބަސެލްގެ މައްޗަށް 2009 ވަނަ އަހަރުގެ ޗެމްޕިއަން ޔުކްރޭންގެ ޝަހުތަރު ޑޮނެސްކް ކުރިހޯދީ 4-1 އިންނެވެ. އެ ޓީމުގެ ލަނޑުތައްޖަހައިދިނީ ޖޫނިއާ މޮރައެސް، ޓައިސަން، އެލާން ޕެޓްރިކްގެ އިތުރުން ޑޯޑޯ އެވެ. ބަސެލްގެ ހަމައެކަނި ގޯލް، މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ރިކީ ވެން ވޮލްފްސްވިންކަލް އެވެ.
މި މުބާރާތުގެ ފުރަތަމަ ސެމީގައި އަންނަ އާދިއްތަ ދުވަހުގެރޭ ޔުނައިޓެޑާ ދެކޮޅަށް ސެވިއްޔާ ނިކުންނައިރު، ދެ ވަނަ ސެމީގައި ޝަހުތަރު ނިކުންނާނީ އިންޓަ މިލާންއާ ދެކޮޅަށެވެ.