English Edition
Dhivehi Edition
ކުރީގެ އީސީސީ އަދި މިހާރުގެ އޭއީއެޗްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޑްރޯންސްޓަގްރާމް

އައްޑޫ ސިޓީ ހިތަދޫން އަނެއްކޭވެސް އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ހާމަކުރާ ގޮތުގައި މިހާރު ޕޮޒިޓިވްވެފައި ވަނީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ހިތަދޫން ހޯމް ކަރަންޓީނު ފުރިހަމަކުރުމަށްފަހު ކޮވިޑަށް ޓެސްޓްކުރުމުންނެވެ.

މިއާއެކު އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 04 އަށް އަރައިފަ އެވެ. މީގެ ކުރިންވެސް ހިތަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކާއި، އުމުރުން 58 އަހަރުގެ ދިވެހި އަންހެނަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. އަދި ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ފުލުހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ހިތަދޫން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އޮގަސްޓް 09 ވަނަ ދުވަހު ހިތަދޫ މޮނިޓަރިންގގެ ހާލަތަށް ގެނެސް، އެ އަވަށަށް މީހުން އަރައި ފޭބުންވެސް މަނާކުރުމަށްފަހު، އިއްޔެ ހެނދުނުން ފެށިގެން އެ އަވަށް ވަނީ އަލުން ހުޅުވާލައިފަ އެވެ.

ހިތަދޫން އިތުރު މީހަކު ޕޮޒިޓިވްވެފައިވާއިރު، ކުރިން އެ އަވަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި އެންމެންގެ ސާމްޕަލްވެސް ވަނީ ނެގެޓިވްވެފައެވެ.