English Edition
Dhivehi Edition
ރޭގެ މެޗުގައި ކޯޕަންހޭގަން ކޮޅަށް ލަނޑުޖެހުމަށްފަހު މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ އިންޓަ މިލާން މޮޅުވެ މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޔުނައިޓެޑުން 1-0 އިން ޑެންމާކްގެ ކޯޕަންހޭގަން އަތުން މޮޅުވިއިރު، މި މުބާރާތުގެ ފޭވަރިޓެއްކަމަށްވާ އިންޓަ ވަނީ 2-1 ގެ ނަތީޖާއަކުން ޖަރުމަނުގެ ބަޔާ ލެވަކޫސަން ބަލިކޮށްފައެވެ.

ކޮވިޑް-19ގެ ސަބަބުން މި މުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޖަރުމަނުގައި ކުޅޭއިރު، އެ ގައުމުގެ ކޮލޯންގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ލަނޑު، އިތުރުވަގުތުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އެވެ. މިއީ އެ ޓީމުގެ އެންތަނީ މާޝިއަލް އަށް ކޯޕަންހޭގަންގެ އަންދްރެއަސް ޔެލާން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ގޯލާއެކު ޔުނައިޓެޑްގެ ފެނާންޑޭސް ވަނީ މިހާތަނަށް މި މުބާރާތުގައި ހަތް ލަނޑުޖަހާފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ޔުނައިޓެޑްގެ މޭސަން ގްރީންވުޑް ގޯލެއް ކާމިޔާބުކުރި ނަމަވެސް، ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ބޯޅަ ފޮނުވާލުމުގެ ކުރީން ގްރީންވުޑް އޮފްސައިޑް މަގާމެއްގައި ހުރުމުން އެ ގޯލް ބަލައިނުގަންނަން ނިންމާފައެވެ.

މީގެއިތުރުން މެޗުގެ 23 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ފްރާންސް ފޯވާޑް މާޝިއަލް އަށް ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީ ދޭން ނިންމުމަށްފަހު، އޭގެފަހުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ބޯޅަ މާޝިއަލް އަށް ލިބުމުގެ ކުރީން ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އޮފްސައިޑް މަގާމެއްގައި ހުރުމުން އެ ނިންމުން ބަދަލުކޮށްފައެވެ. އޭގެފަހުން، ދެވަނަ ހާފުގެ ކުރީކޮޅު ވެސް ޔުނައިޓެޑްގެ ގްރީންވުޑް ކާމިޔާބުކުރި ގޯލެއް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައި ގަބޫލުނުކޮށްފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި، އިންޓަ ވަނީ ފުރަތަމަ ހާފުގެ ހަ މިނެޓުގެ ތެރޭގައި ދެލަނޑުޖަހައި ލެވަކޫސަން ހާސްކޮށްލާފައެވެ. ރޭގެ މެޗުގައި އިންޓަ ލިޑްނެގީ 15 ވަނަ މިނެޓުގައި ނިކޮލޯ ބަރޭލާ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ހަ މިނެޓުފަހުން، މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ އިންޓަ އަށް މި ސީޒަނުގައި އޭނާ ޖަހައިދިން 31 ވަނަ ލަނޑެވެ.

ރޭގެ މެޗުގައި ލެވަކޫސަނުން ޖެހި ހަމައެކަނި ލަނޑު، މެޗުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރުމަނުގެ އަރަމުން އަންނަ މިޑްފީލްޑަރު ކާއީ ހާވާޓްޒް އެވެ. މިއީ އެ ޓީމުގެ ފޯވާޑް ކެވިން ވޮލާން ދިން ބޯޅައަކުން ހާވާޓްޒް ކާމިޔާބުކުރި ގޯލެކެވެ.

މިއީ 2010/2011 ވަނަ އަހަރުގެ ސީޒަނުގެ ފަހުން އިންޓަ އިން ޔޫރަޕްގެ މުބާރާތެއްގެ ކުއާޓާގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަދި ރޭގެ މެޗު ކާމިޔާބުކޮށް، 2009/10 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ސެމީ އަށް ދަތުރުކުރިއިރު، އެ ޓީމު ވަނީ އެ ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ސެމީގައި އިންޓަ ނިކުންނަންޖެހޭނީ މިރޭ ކުޅެވޭ ޔުކްރޭންގެ ޝަހުތަރު ޑޮނެސްކްއާ ސްވިޓްޒަލޭންޑްގެ ބަސެލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

އަދި 2017 ވަނަ އަހަރު ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ފަހުން ޔުނައިޓެޑުން މި މުބާރާތުގެ ސެމީން ފުރަތަމަ ފަހަރަށް ޖާގަހޯދިއިރު، ސެމީގައި އެ ޓީމު ކުޅޭނީ މިރޭ ވުލްވްސް އާއި ސެވިއްޔާ ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.