English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނާއި ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި އިތުރަށް ހަރުދަނާވެފައިވާކަމާއި، ދެ ޤައުމަށް ވެސް ފައިދާވާނެ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތަށް ރިޢާޔަތްކުރައްވާ ވާހަކަފުޅު ދައްކަވަމުން، ދެ ބޭފުޅުން ވަނީ މި ހާލަތަކުން އަރައިގަތުމަށް ދެ ޤައުމުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމާއި، ޕާކިސްތާނުގެ އިޤްތިޞާދު ނެގެހެއްޓުމަށް އެ ޤައުމުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި، ކޯވިޑް-19 ގެ ސަބަބުން އިޤްތިޞާދީ ގޮތުން ހީނަރުކަން ލިބިފައިވާ ޤައުމުތަކަށް “ޖީ-20 ޑެޓް ސަރވިސް ސަސްޕެންޝަން އިނީޝިއޭޓިވް” ގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވާ، އެކަމަށް ވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވެސް ވަނީ ދެ ޤައުމަށް ވެސް އުފާވެރި، އަދި ފާގަތި ކުރިމަގަކަށް އެދެމުން، ދެ ޤައުމަށް ފައިދާ ވާނެ ކަންކަމުގައި ގުޅުން ބަދަހިކުރުމުގައި އެއްބާރުލުން އިތުރުކުރުމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ އުނދަގޫތަކުން އަވަހަށް ސަލާމަތްވެ ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީ ވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.