English Edition
Dhivehi Edition

ލ. ގަމު ތުނޑިއާ ދިމާލުން ރޯވެ އަޑިއަށް ދިޔަ ބޯޓެއްގައި ހުރި މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓުން ދަތުރުކުރި މީހަކު ގެއްލުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި، އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓް ގާޑް، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ މިއަދު 15:00 ހާއިރު ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި އަލިފާން ރޯވެފައި ވަނީ އެޕޯލޯ ކުންފުނީގެ މުދާ އުފުލާ ބޯޓެއްގައި ކަމަށާއި، ގެއްލިގެން އުޅެނީ ބިދޭސީއެއް ކަމަށެވެ. އަދި އެ ދޯނީގައި 10 މީހުން ތިބި ކަމަށް ދޯނީގެ ކައްޕި މަޢުލޫމާތު ދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

އެގޮތުން އެ ދޯނީގައި ނުވަ ބިދޭސީންނާއި ދިވެއްސަކު ހިމެނެއެވެ. އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިހާރު ކޯސްޓްގާޑުގެ ޑައިވަރުން ކުރަމުންދާ ކަމަށާއި، ކަނޑުގެ ސާފޭސް އޭރިއާ ބަަލަމުންދާ ކަމަށެވެ.