English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2020 އޮގަސްޓު 16، 17 އަދި 18 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށާއި، އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، އެޗްއާރުސީއެމްގެ މެންބަރުކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޒާހިދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ މިއަދު ފާސްކޮށްފަ އެވެ،

އެޗްއާރުސީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ރައީސް ޔާމީންގެ ވެރިކަމުގައި އެޗްއާރުސީއެމް އަށް އައްޔަންކުރެއްވި ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު އާއި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އާއިޝަތު އަފްރީން މުހައްމަދެވެ. އެޗްއާރުސީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި އައިމިނަތު އީނާސް އަދި މެމްބަރު އައިޝަތު އަފްރީންގެ އިތުރުން މޫސާ އަލީ ކަލޭފާނު މަގާމުން ވަކިކުރުމުގެ މަސައްކަތްވެސް މަޖިލީހުން ކުރިއަށް ގެންގޮސްފައިވާއިރު އެ ބޭފުޅުން ވަކިކުރުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް ވަނީ އިސްތިއުފާ ދެއްވާފައެވެ.